ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ވޭތުވެދިޔަ ދެ ސަރުކާރުވެސް ވަނީ ފެއިލްވެފައިކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މިފަދައިން ވިދާޅުވީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ނިންމެވުމާއި ގުޅިގެންނެވެ.
ދުންޔާ އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ވޭތުވެދިޔަ ދެ ސަރުކާރު، ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައި ވާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި ހިންގައްޖެކަމަށެވެ.
ދުންޔާ ވިދާޅުވީ، ރައީސް ޔަމީންގެ ދައުރުގައި ބޮޑެތި މަކަރާއި ހީލަތްތަކާއި، ކޮރަޕްޝަންގެ އިތުރުން ވެސް ބޮޑެތި އެތައް މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށްލުން ފަދަ މައްސަލަތަށް ހިމެނޭ އިރު، އެއީ ގައުމުގައި ބިރުވެރި ކަން ފެތުރިގެންދިޔަކަމެއް ކަމަށްވެސް ދުންޔާ ވިދާޅުވެއެވެ.
އަދި މިކަންތައްތަކަކީ ރައްޔިތުންގެ ހަނދާނުގައި އަބަދުވެސް އޮންނާނެ ކަމެއް ކަމުގައި ބުނެ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ކުރުމުގެ ފުރުސަތު ނުދިނުމަށް ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވެއެވެ.
ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.
ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ އެއް ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރެއެވެ. އެ ދެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ރައްޔިތުންގެ ކުރިމަތީގައި މިދިޔަ ދެ ސަރުކާރުވެސް ވަނީ ފެއިލްވެފައި: ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ