މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް މާލެ ސިޓީ ކައުންސިލުން ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި މުއިއްޒު މިހެން ވިދާޅުވީ މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވަމުންނެވެ. 
"ދެން އަޅުގަނޑަކަށް ނޭނގެ ސިޓީ ކައުންސިލުން އެހީތެރިކަން ދޭނެ ކަމެއް އެނގޭތޯ. އެއީ މިހާރު މި އޮތް ސިޓީ ކައުންސިލް މަސައްކަތް ކުރަނީކީއެއް ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުމުގައެއް ނޫން. މިއަދާ ހަމައަށް އައި އިރުގައި، މިދިޔަ ދުވަސްތަކުގައި،" މުއިއްޒު ވިދާޅުވި އެވެ. 
ޕާކިން މައްސަލަ ހައްލުކުރުމުގައި ސިޓީ ކައުންސިލު ވަންނަ ހިސާބަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ކަންމަތިތަކުގައި ޕާކު ނުކުރެވޭ ގޮތަށް ޑަބަލް ރޮނގު ދެމުމުގަ އެވެ. މިއީ މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކަންމަތިތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަކީ ހަނި ގޯޅިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ޕާކިން މައްސަލަ ހައްލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޓްރެފިކް ޕޮލިސް ގުޅިގެން ރާވާ ކަމެކެވެ. މުއިއްޒު ވިދާޅުވީ މިހާރު އެކަން އޮތީ ތަންފީޒުކުރަން ފަށާ ހިސާބުގައި ކަމަށެވެ.  
މުއިއްޒު ވިދާޅުވީ މި ޕްލޭނަށް ސިޓީ ކައުންސިލުގެ އެއްބާރުލުން ލިބޭނެ ކަމަށް ހީނުވާ  ކަމަށެވެ. ނަމަވެސް އެއްބާރުލުން ލިބޭތޯ މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އެއްބާރުލުން ނުލިބިއްޖެއްޔާ ސަރުކާރުން ކޮންމެވެސް ގޮތެއް ހޯދާނީ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް މުއިއްުޒު ވިދާޅުވިއިރު، މަސް މާރުކޭޓުގެ ބިން ތަރައްގީކުރަން ހަވާލުނުކޮށްގެން ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ. 
މާލޭ ސިޓީ ކައުންސިލުން ބުނަނީ އެ ބިމުގައި އިމާރާތެއް ތަރައްގީކުރަން ކުރީގެ ކައުންސިލުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ ވާތީ އެކަން ހައްލު ނުވަނީސް ބިން ހަވާލުނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެއްބަސްވުން އޮތަސް ބިން ހަވާލުކުރެވޭނެ ކަމަށް ބުނެ ރައްދު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ