އަސީލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ކުއްޖަކު ކޯޓުން ގޭބަންދަށް ބަދަލުކޮށްފި

މިދިޔަ އޮގަސްޓް މަހު ހިންގި މަރާމާރީއެއްގައި މަރުވި އަހުމަދު އަސީލްގެ މަރުގެ މައްސަލައިގައި ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުޑަކުއްޖާާ، ޑިޕްރެޝަން ހުންނަ ކަމަށް ބުނުމުން ޖުވެނައިލް ކޯޓުން އިއްޔެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ. ތ. ތިމަރަފުށީ ބްލޫނިއާގެ، އަހުމަދު އަސީލް މަރުވީ ޗާންދަނީ މަގު ސްމާޓް ފޯން ފިހާރަ ކައިރީގައި އޮންނަ ގޯޅި ތެރޭގައި، އޮގަސްޓް 23 ވަނަ ދުވަހުގެ ރޭ ހިންގި އެ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުވާކޮށްފައިވާ އަށް މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ސީރިއަސް، މަރުގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތްތައް އަދި ނުފަށަ އެވެ. އެކަމަކު އެ މާރާމާރީއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ލިބޭ އެއް ކުއްޖެއްގެ ޝަރީއަތް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ. މިދިޔަ އޮގަސްޓް މަހު ހިންގި މާރާމާރީއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: މި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކުރޭ.-- ހަވީރު ފައިލް ފޮޓޯ "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން މިދިޔަ ފެބްރުއަރީ 19 ގައި އަމުރުކޮށްފައިވެ އެވެ. އެހެން ނަމަވެސް، އެ އަމުރު ބާތިލްކޮށް، އެ ކުއްޖާ ގޭބަންދަށް ބަދަލުކުރަން އެ ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށްވެ އެވެ. އެ ގޮތަށް ނިންމާފައި ވަނީ، އެނގިފައިވާ ގޮތުގައި، ޑިޕްރެޝަންގެ ބަލި ހުންނަ ކަމަށް ޝަރީއަތް ފެށުނީއްސުރެ އެ ކުއްޖާ އަމިއްލަ އަށް ބުނަމުން ގެންދިއުމާއި އޭނާގެ ބަލި ހާލަތު އަންގައިދިނުމަށް އޭނަގެ ބެލެނިވެރިން މި މަހުގެ ދެ ވަނަ ދުވަހު ހުށަހެޅި ރިޕޯޓުތަކަކަށް ބެލުމަށް ފަހު އެވެ. އަދި އެ ސަބަބުތަކުގެ ތެރޭގައި، ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމިފައި ވުމާއި ހެކިންނަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކޮށްފާނެ ކަމުގެ ބިރެއް ނެތްކަން ވެސް ކޯޓުން ފާހަގަކުރި ކަމަށްވެ އެވެ. ޑިޕްރެޝަން ހުންނަ ކަމަށް އެ ކުއްޖާ އާއި އާއިލާ އިން ބުންޏަސް، އެފަދަ އެއްވެސް ލިއުމެއް މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށްވެ އެވެ. އަދި ފުލުހުންގެ ބަންދުގައި ހުއްޓާ ޑޮކްޓަރަށް ދެއްކި އެއްވެސް ފަހަރަކު ވެސް އެފަދަ ވާހަކައެއް ޑޮކްޓަރު ކައިރީގައި ބުނެފައި ނުވާކަން ވެސް އެނގިފައިވެ އެވެ. އަސީލްގެ މަރުގެ މައްސަލަ: މާރާމާރީ ހިންގީ އޮގަސްޓް 23، 2014 ގައިތިން މީހަކު ޒަހަމްވި؛ މަރުވީ އަސީލް، 19ދެ ކުދިންނާ އެކު އަށް މީހެއްގެ މައްޗަށް ދައުވާކުރޭމަރުގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތްތައް ނުފަށާޓެރަރިޒަމްގެ ދައުވާ ލިބޭ ކުއްޖާގެ ޝަރީއަތް ހުކުމްކުރުމުގެ މަރުހަލާގައިޝަރީއަތް ނިމެންދެން އެ ކުއްޖާ ބަންދުގައި ބަހައްޓަން ފެބްރުއަރީ 19، 2015 ގައި ކޯޓުން އަމުރުކުރިއިއްޔެ ވަނީ ގޭބަންދަށް ބަދަލުކޮށްފައި؛ އެއީ ޑިޕްްރެޝަން ހުންނަ ކަމަށް ބުނެ، ލިއެކިއުންތަކެއް ހުށަހެޅުމުންއެކަމަކު އެކަހަލަ ކަމެއް ފުލުހުންނަށް އަދި ޑޮކްޓަރުންނަށް ވެސް އަންގާފައެއް ނުވޭމީގެ އިތުރުން، އަސީލް، 19، މަރާލިކަމުގެ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ތަހުގީގުގައި ހެކިބަސް ދީފައި ވަނީ ވެސް، އެނގިފައިވާ ގޮތުގައި، އެ ކުއްޖާގެ މައްސަލައިގައި ޝަރީއަތުން ހެކިބަސް ނަގާފައިވާ މީހުންނެވެ. އެހެންވެ، އެ ކުއްޖާ ގޭބަންދަށް ބަދަލުކުރުމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ބިރު އެބައޮތް ކަމަށާއި އެފަދަ ކަމެއް ހިނގައިފި ނަމަ މަރުގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތްތަކަށް އަސަރު ފޯރާނެ ކަމުގެ ކަންބޮޑުވުން ދައުލަތުން އިއްޔެ ކޯޓުގައި ފާޅުކުރި ކަމަށްވެ އެވެ. މާރާމާރީގައި އަސީލާ އެކު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް ގައިގެ އެކި ތަންތަނަށް ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އަސީލް މަރުވިއިރު، އޭނާގެ ފައި ބުރިކޮށްލަން ޖެހުނެވެ. ކޯޓުން އިއްޔެ ގޭބަންދަށް ބަދަލުކުރި ކުއްޖާ އަކީ މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި މީހާ އެވެ. އޭނާ ހައްޔަރުކުރީ އެ މާރާމާރީ އަށް ފަހު، މާފަންނު ގެއެއްގައި ފިލައިގެން އުޅެނިކޮށް މިދިޔަ ޑިސެމްބަރު ނުވައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ