ކުރެއްދޫގައި އެކްސިޑެންޓްވި ބައިކް ދުއްވިކަމަށް ފިލިޕް ވަނީ އިއުތިރާފްވެފައި: ގާޒީ
ޅ. ކުރެއްދޫ ރިޒޯޓްގައި ދުއްވި ކުއަޑް ބައިކެއް އެކްސިޑެންޓްވެ އިނގިރޭސި ދެމަފިރިއަކު މަރުވި ހާދިސާގެ ދައުވާ ލިބޭ، ސްވިޑްންގެ ފިލިޕް އިއުޖޭން ޕްޓްރޭ، އެ ދެމަފިރިން އަރުވައިގެން އެ ކުއަޑް ބައިކް ދުއްވިކަމަށް އިއުތިރާފްވެފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ކުރީ ދުވަހުގެ އަޑުއެހުމުގައި، ދައުވާ ލިބޭ ފިލިޕް، ކުއަޑް ބައިކަށް އެ ދެމަފިރިން އަރުވައިގެން ދުއްވިކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެކަން ކުރީގެ އަޑުއެހުމުގެ ބަޔާންތަކަށް ބެލުމުން އެނގެން އޮތް ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން ދައުލަތުން ހެކި ހުށަހަޅަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ދައުލަތަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ ވެސް ވިދާޅުވީ އެ ދެމަފިރިން އަރުވައިގެން ކުއަޑް ބައިކް ދުއްވިކަމަށް ފިލިޕް އިއުތިރާފްވުމުން އިތުރަށް ހެކި ހުށަހަޅަންޖެހޭ ކަމަށް ދެކެވަޑައިނުގަންވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާތީ އެ އިއުތިރާފް އަނބުރާ ގެނެވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ. ނަމަވެސް ފިލިޕްގެ ވަކީލް އަރީފް އަހުމަދު ވިދާޅުވީ އެގޮތަށް ގާޒީ އަށް ނިންމިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހާ ހިސާބަށް އަރީފަށް ވިދާޅުވެވުނު ތަނާ ގާޒީ ވިދާޅުވީ ނިންމާނެ ގޮތް އެނގޭނީ ގާޒީ އަށް ކަމަށާއި އިސްލާމި ޝަރީއަތުގައި ވެސް ބައެއް ބާވަތުގެ މައްސަލަތަކުގައި އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެނެވޭ ކަމަށެވެ. އަރީފް އިތުރަށް ވާހަކަދައްކަވަން އުޅުމުން ވެސް ގާޒީ ވަނީ ވާހަކަ ހުއްޓުވާފަ އެވެ. އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް، ފަހު ފުރުސަތު ދެވޭނެ ކަމަށާއި އޭގެ ފަހުގައި އޮންނާނީ ހުކުމްކުރުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި ހުކުމްކުރުމުގެ ކުރިން މަރުވި މީހުންގެ ވާރިސުންގެ ބަހެއް ހޯއްދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ދެމަފިރިން މަރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއަޑް ބައިކަށް އެ ދެމަފިރިން އަރުވައިގެން އެ މީހުން ރިޒޯޓްގައި ތިބޭ ކޮޓަރި އަށް ދަނިކޮށެވެ. އޭރު އެ ބައިކް ދުއްވަން އިނީ ފިލިޕް އެވެ. ދައުލަތުގެ ދައުވާގައި ބުނެފައިވާ ގޮތުން ކުއަޑް ބައިކްއަކީ އެކަކަށްވުރެ ގިނަ މީހުން އަރުވައިގެން ދުއްވުން މަނާ އުޅަނދެކެވެ. ފިލިޕްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެ މާއްދާގައިވަނީ އަމުރަށް ނުކިޔަމަންތެރިވެ މީހަކު ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެ ކުށްކުރި މީހާގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ