ދެހާސް ހަތްވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭ ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ދޫކޮށްލުމަށް ރޭ ޖިނާއީ ކޯޓުން އަމުރުކުރުމަށް ފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރުކުރުމުގެ އަމުރު ޖިނާއީ ކޯޓުން ރޭ ނެރެފި އެވެ.
މީގެ ފަސްއަހަރު ކުރިން ނެރެފައިވާ އިންޓަޕޯލް ރެޑްނޯޓިސްގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ރޭ އަމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ރެޑްނޯޓިސް ނެރުމަށް ކުރިން އެ ކޯޓުން ނެރެފައިވާ އަމުރު ފުލުހުންނަށް ހުށަހެޅިފައި ނުވުމުން އޭނާ ބަންދުގައި ބަހައްޓާނެ ގާނޫނީ އަސާސެއް އޮތްކަމަށް ނުފެންނާތީ އޭނާ ދޫކޮށްލީ ކަމަށެވެ.
ބާރަ ޓޫރިސްޓުންނަށް ތަފާތު އަނިޔާތައް ލިބުނު ހާދިސާގައި ހިމެނޭ ފުވައްމުލަކު މާދަނޑު ކަރިއްޔާގެ މުހައްމަދު އަމީން ރޭ ހައްޔަރުކޮށްފައިވަނީ ދަންވަރުގެވަގުތެއްގައި ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.
އޭނާ ހައްޔަރު ކުރީ ބޮންގޮއްވުމަށް ބޭނުން ކުރި ސިމް ކާޑަކީ އޭނާގެ ނަމުގައިވާ ސިމް ކާޑެއްކަމަށްވެފައި އޭނާގެ ކޮޓަރި ޗެކް ކުރިއިރު އެ ކޮޓަރީގައި ބޮން ހެދުމަށް ބޭނުން ކުރާ ސާމާނުތަކެއް ފެނުމާގުޅިގެންނެވެ.
ބޮން ގޮއްވި ހާދިސާއަށް ފަހު ރާއްޖެއިން ފިލައިގެން ބޭރުގައި އުޅެމުންދަނިކޮށް އޭނާ ހައްޔަރުކުރީ ރެޑް ނޯޓިސް ނެރެގެންނެ އެވެ.
ކޯޓުން ރޭ ދޫކޮށްލި މީހަކު އަނެއްކާ ވެސް ކޯޓް އަމުރަށް ރޭ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ