އައްޑޫގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އައްޑޫގައި އިޔާދަކުރަނިވި ހަކަތަ އުފައްދައިގެން ކަރަންޓް ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކައުންސިލުން ބުނީ މިކަމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އީއޯއައި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އައްޑު އަށް އިޔާދަކުރަނިވި ހަކަތަ ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން ކައުންސިލުން ހުޅުވާލީ، ރައްޔިތުންނަށް އަގު ހެޔޮކޮށް ކަރަންޓް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އެކަން ކުރެވޭނެ ގާބިލްކަމާއި ތަޖުރިބާ ހުރި ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ކައުންސިލުން އަދި ބުނީ އީއޯއައި ހުށަހަޅާ ފަރާތްތަކުން ބޭނުން ނަމަ، މި މަޝްރޫއަށް ކޮލިފައިވުމަށްޓަަކައި އިތުރު ފަރާތަކާ އެކު ޖޮއިންޓްވެންޗާއެއް ހަދައިގެން ވެސް ކުރިމަތިލެވި ދާނެ ކަމަށެވެ. އައްޑޫ ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ކައުންސިލަރު އަބްދުﷲ ތޮއްޔިބް މިއަދު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައަށް ދާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު ރައްޔިތުންނަށް ފޯރުކޮށް ދެމުން އަންނަ ކަރަންޓްގެ އަގުތައް އަތްފޯރާ ވަރަށް ވުރެ މައްޗަށް އަރައިގެން ދިއުން ކަމަށެވެ. ކަރަންޓް އަގު ބޮޑުވާ މައްސަލާގައި ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. މިކަން ކަމާ ބެހޭ ފަރާތްތަކާ އެތައް ގޮތަކަށް ހިއްސާ ކުރެވިއްޖެ. އެކަމަކު އެ އަޑު އަހާނެ އަދި މިކަމަށް ހައްލެއް ހޯދައި ދޭނެ ބަޔަކު ނެތް.--ތޮއްޔިބް ތޮއްޔިބް ވިދާޅުވީ އިޔާދަކުރަނިވި ހަކަތަަ އައްޑޫގައި އުފައްދަން އެކި ފަހަރު މަތިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކުން މީގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. "އެކަމަކު މިކަހަލަ ކަންކަމަކަށް ސަރުކާރަކުން، ކަމާ ބެހޭ މިނިސްޓްރީއަކުން އެކަށީގެންވާ އިޖާބައެއް ނުދޭ. ދޭކަށް ބޭނުމެއް ވެސް ނުވޭ. އެކަމަކު މިކަހަލަ ކަންކަަމަކީ ހަމައެކަނި ކައުންސިލަށް ނިންމުންތައް ނިންމަައިގެން ކުރިއަށް ގެންދެވޭނެ ކަންކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން އެބަ ޖެހޭ މިކަހަލަ ކަންކަމަށް އެހީތެރިކަން ފޯރުކޮށް ދޭން." ކަރަންޓްގެ އަގު ބޮޑުވެގެން އައްޑޫގެ ވިޔަފާރިވެރިންގެ ބަޔަކު ކައުންސިލާ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަނީ. ފޮޓޯ/ ކައުންސިލް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ނޮވެމްބަރު 27، 2014 ވަނަ ދުވަހުގެ ރޭ އައްޑޫގައި ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް އައްޑޫގައި ވަަރަށް އަވަހަށް ފެށުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަޝްރޫއު ބިޑަށް ލައި، އެއާ ގުޅޭ ކަންކަން ފަށައިގަންނާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ