50 މެގަވޮޓްގެ ކަރަންޓް މަޝްރޫއު ހުޅުމާލެއަށް ބަދަލުކޮށްފި

މާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި 50 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫއުގެ މަސައްކަތްތައް ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ. ޗައިނާގެ ޑޮން ފެންގް ނަމަކަށް ކިޔާ ކުންފުންޏަކާ މިދިޔަ މެއި 28 ވަނަ ދުވަހު ހަވާލުކޮށްގެން ސްޓެލްކޯއިން ފެށި މި މަޝްރޫއަކީ 90 ވަރަކަށް މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. މިއީ ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ފަސް ވަނަ، އަދި މިހާތަނަށް އެ ކުންފުނިން ނުހިންގާ ވަރުގެ ބޮޑު މަޝްރޫއެވެ. ސްޓެލްކޯގެ އިންޖިނިއަރު އަބްދުއްރައޫފު މިއަދު ވިދާޅުވީ ސްޓެލްކޯއާ އިންވެގެން އޮންނަ ގާކޮށީ ސަރަހައްދުގައި ބަހައްޓަން ނިންމި ޖަނަރޭޓަރުތައް ހުޅުމާލޭގެ ސްޓެލްކޯގެ ބިމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ . އަދި އެ މަޝްރޫއުއަށް ބަދަލު ގެންނަން ޖެހުމުން މަސައްކަތް ފެށުން ލަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ . "ކުރިން އޮތީ އަންނަ ނޮވެމްބަރު މަހު މަސައްކަތް ފަށަން. އެކަމަކު މިހާރު މި ގެނައި ބަދަލާ ގުޅިގެން އީއައިއޭ ހަދައި ނިމިގެން މަސައްކަތް އަލުން ފެށޭނީ،" ރައޫފް ވިދާޅުވި އެވެ. ރައޫފް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބަހައްޓާ ޖަނަރޭޓަރުތަކުން މާލެއަށް ކަރަންޓް ފޯރުކޮށްދޭނީ ހުޅުލެއާއި މާލެއާ ދެމެދު ހެދުމަށް ނިންމާފައިވާ ބްރިޖްގެ ތެރެއިން އަޅާ ކޭބަލަކުން ކަމަށެވެ. "ކޮންމެ ގޮތެއްވިޔަސް ދެން މާލެއަށް އެ އިންޖީނުތަކުން ކަރަންޓް ފޯރުކޮށްދެވޭނީ ބްރިޖްގެ މަސައްކަތް ނިމިގެން. އެހެންވީމަ ކުރިން ކަނޑައަޅާފައިވާ ޑެޑްލައިނަށް އެ މަސައްކަތް މިހާރު ނުނިމިދާނެ،" އޭނާ ވިދާޅުވި އެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން ކުރިން ކަނޑައެޅި މި މަޝްރޫއުގެ ދަށުން އަށް މެގަ ވޯޓުގެ ހަ އިންޖީނު އިތުރަށް ބަހައްޓާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިހާރު ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަނީ 22 ޖެނެރޭޓަރު ބޭނުންކޮށްގެން 60 މެގަވޯޓުގެ ކަރަންޓެވެ. ސްޓެލްކޯއިން ބުނީ މި އިންޖީނުތައް ބޭނުން ކުރަން ފެށުމުން، މިހާރު މާލެއަށް ކަރަންޓު ދިނުމަށް، ސްޓެލްކޯ ކައިރީ މަގުމަތީގައި ބަހައްޓާފައި ހުރި ކުދި އިންޖީނުތައް ނަގާނެ ކަމަށެވެ. "ހަވީރަށް" އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް މާލޭގައި ކުރަން ނިންމުމުން ސްޓެލްކޯގެ ބައެއް އިންޖިނިއަރުން އެކަމާ ހިތްހަމަނުޖެހިގެން ޝަކުވާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ