ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމުގައި "ޔޫ ޓާނެއް" ނުނަގާނަން: އުމަރު
ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގަމުން އަންނަތާ ހަތަރު އަހަރު ވީ އިރު ތަފާތު މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި އެކަމަކު މި ނިޒާމު ދެމެހެއްޓުމުގައި "ޔޫ ޓާނެއް" ނުވަތަ ފަސް އެނބުރި ނުބަލާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނާއި ޒިންމާދާރުވެރިންގެ މަހާސިންތާ ފައްޓަވައިދެއްވަމުން އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި މިހާރު ހުރި އުނި ކަންތައްތައް ވަރަށް ގޯސް ސިފަތަކެއްގެ ގޮތުގައި ދެކިގެން އެ ނިޒާމާ ދޭތެރޭ ގިނަ ބަޔަކު ފާރަވެރިވަމުންދާ ކަމަށެވެ. އަދި އެފަދަ އުނިކަންތައް ފާހަގަކޮށް، މި ނިޒާމުގެ ދަށުން ރަށްރަށް ހިންގުމަކީ ގޯސްކަމެއްތޯ، މި ސަރުކާރާއި ކުރީގެ ތިން ސަރުކާރުން ވެސް ސުވާލު އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިއީ ފިރުކައިގަންނަ މި މަރުހަލާގެ ތެރޭގައި ހިނގާނެ ކަންކަން ކަމަށާއި ކުދިކުދި ބަދަލުތައް ގެނައީމަ މިއީ ވަރަށް ފުރިހަމަ ނިޒާމަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ނިޒާމުގައި ޔޫޓާނެއް ނުނަގާނެ. ހުރި އުނދަގޫ ކަންކަމާއި ދަތިތަކާއި ތަޅު އެޅެވޭ ކަންކަން އިސްލާހުކޮށްގެން މި ނިޒާމު ކުރިއަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާއިމުކޮށްފައިވާ ހުރިހާ ގައުމެއްގައި ވެސް މިފަދަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި އެކަންކަން ހަމައަކަށް އެޅިގެންދަނީ ފުރަތަމަ ފަސް އަހަރާއި ދިހަ އަހަރާ ދޭތެރޭގައި ކަމަށެވެ. އެހެންވެ، ރާއްޖޭގެ މި ނިޒާމަށް ހަތަރު އަހަރު ފުރުނު އިރު، މިކަމުން ލިބޭނެ ފައިދާ އާއި ގެއްލުން ސަރުކާރުތަކުގެ އިތުރުން ސިޔާސީ ޕާޓީތަކަށް ވެސް ތަޖުރިބާ ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ދަސްކުރާ މަރުހަލާކަން ވެސް އުމަރު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކަންކަން ހިންގުމުގައި މިހާރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެޅުވޭ ތަޅުތައް ކަމަށެވެ. "އެލްޖީއޭގެ ބޯޑާ ހިލާފު ވެދާނެ އޭރެއްގައި އޮންނަ ސަރުކާރަކުން. އަނެއްކާ ވެސް އެއީ އެޅުވޭ ތަޅެއް. އަތޮޅު ކައުންސިލަކާ ރަށު ކައުންސިލަކާ ހިޔާލު ތަފާތު ވެދާނެ. ޒިންމާދާރު ވެރިޔާ އާ ކައުންސިލަރުންނާ ދޭތެރޭ ވެސް އެބަ ހިޔާލު ތަފާތު ވެގެން ތަޅެއް އެޅުވޭ. އެކަމަކު މިއީ މި ނިޒާމުގެ ނޭޗާގައި ހުރިކަމެއް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ދިރާސާކޮށް، ގާނޫނަށް ބަދަލުތައް ގެނައުން މުހިއްމު ކަމަށެވެ. އޭރުން މި ނިޒާމު ފުރިހަމަ ވެގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެލްޖީއޭގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މި މަހާސިންތާގައި މި ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ