ބައި އިލެކްޝަން ކާމިޔާބުވުމުން އެނގެނީ ރައްޔިތުން ސަރުކާރު ބަލައިގެންފައިވާކަން: އެމްޑީޕީ

ށ. އަތޮޅު ކައުންސިލްގެ މިލަންދޫ ދާއިރާގެ ދެ ގޮނޑި އެމްޑީޕީން ވާދަކުރެއްވި އަބްދުﷲ އާތިފް 1،038 ވޯޓާ އެކު ކާމިޔާބުކުރެއްވިއިރު، ފިރާގު އިބްރާހީމް 977 ވޯޓު ހޯއްދަވާފައިވެ އެވެ. އެ ދެ ގޮނޑި ކުރިން ވެސް ތަމްސީލްކުރެއްވީ އެ ދެ ބޭފުޅުންނެވެ. ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން އެ ދެ ބޭފުޅުން ވަކިކުރީ މަގްބޫލް އުޒުރެއް ނެތި ހަތް ޖަލްސާ އަށް ހާޒިރުވެފައި ނުވާތީ ކަމަށް ބުނެ އެވެ. އެ ދެ ކެންޑިޑޭޓުންނާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ހުސެއިންފުޅަށް ލިބިފައި ވަނީ 705 ވޯޓެވެ. އއ. މަތިވެރި ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް އާތިފް ކާމިޔާބުކުރައްވާފައި ވަނީ 253 ވޯޓު ހޯއްދައިގެންނެވެ. އެ ގޮނޑި އަށް ވާދަކުރެއްވި ޑީއާރްޕީގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 200 ވޯޓެވެ. ޑީޑީ ވިދާޅުވީ ސިޔާސީ ހަލަބޮލި ދަނޑިވަޅެއްގައި ބައި އިލެކްޝަން އެމްޑީޕީ އަށް ކާމިޔާބުވީ ރައްޔިތުން އެ ޕާޓީއާ އެކު ތިބުމުން ކަމަށެވެ. އަދި ބައި އިލެކްޝަނުން އެމްޑީޕީ އަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުން ބަލައިގަނޭ. ކޮންމެ ރައްޔިތަކަށް ޔުނިވާސަލް ހެލްތު އިންޝުއަރެންސް ހިދުމަތް ފަށައި ދަތުރުފަތުރުގެ ނިޒާމާއި ހައުސިން ޕްރޮޖެކްޓްތައް ވެސް ކުރިއަށް އެބަދޭ. މަސްވެރިންގެ މަހަށް ލިބޭ އަގު ހަ ގުނަ ބޮޑުކޮށްދީ، ގޯތިތެރޭގައި ދަނޑުވެރިކަން ކުރުމަށް ސަބްސިޑީ ސަރުކާރުން ފޯރުކޮށްދެމުންދޭ. މިކަހަލަ ތަފާތު ގިނަ ކަންތައްތަކެއް ސަރުކާރުން އަންނަނީ ރައްޔިތުންނަށްޓަކައި ކުރަމުން،" އޭނާ ވިދާޅުވި އެވެ. ޑީޑީ ވިދާޅުވި ގޮތުގައި ބައި އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަންތައްތައް ވީހާ ވެސް ގާތުން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ