ކުރީގެ މެމްބަރު ނާޒިމް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރުގައި ހުންނެވުމަށް ދިން މުއްދަތަށް ދެ މަސް އިތުރުކޮށްފި

މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ރާއްޖޭން ބޭރުގައި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ދެ މަސް ދުވަހަށް އިތުރުކޮށްދީފި އެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު "ހަވީރަ"ށް ވިދާޅުވީ ސިންގަޕޫރުގައި ހުންނެވި ނާޒިމް ބޭސްފަރުވާ ކުރަން އިތުރު މުއްދަތެއް ދޭން މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށެވެ. "31 މާޗުގެ ނިޔަލަށް ބޭސް ފަރުވާ ކުރުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ނިންމާފައި ވަނީ،" ރަމީޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތިން އޮޕަރޭޝަނެއް ކުރުމަށް ނާޒިމްގެ ފަރާތުން ކަރެކްޝަނަލް ސާވިސް އަށް ހުށަހެޅީ މި މަހުގެ މެދުތެރޭގައި އެވެ. އެކަމަކު، އޮޕަރޭޝަންތަކުގެ ތަފްސީލެއް ރަމީޒް ނުދެއްވަ އެވެ. ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކުރަން ނިންމީ އޭނާގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުގެ މައްޗަށް ބަލައި ދިރާސާ ކުރުމަށްފަހު ގައި ކަމަށް ވެސް ރަމީޒު ވިދާޅުވި އެވެ. ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ ޑިސެމްބަރު 10ގަ އެވެ. ފުރަތަމަ އޭނާ އަށް ދިނީ ދެ ހަފުތާގެ މުއްދަތެކެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރު ކޮށްދީފަ އެވެ. އޭނާއަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާން އޮތީ މި މަހުގެ 30 އަށެވެ. ނާޒިމަކީ ވަރަށް ކުރިއްސުރެ ފެށިގެން މައިބަދައިގެ މައްސަލަ ހުންނަ އަދި މައިބަދައިގެ ދެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން އައިޖީއެމްއެޗްގައި ވެސް އޭނާ ވަނީ މައިބަދައިގެ އޮޕަޝަނެއް ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ކަމުގެ ކުށުގަ އެވެ. އެ މުއާމަލާތުގެ އަގު 1.4 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ