ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދިމާވާ ކަރަންޓު މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން، އެޗްޑީސީއާއި ސްޓެލްކޯގެ މަޝްވަރާތަކެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާއި، ސްޓެލްކޯގެ އިސްވެރިން މިއަދު ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވައިފިއެވެ. މާލޭ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވެފައެވެ. އިއްޔެ، ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ވަރަށް ގިނައިރުވިއެވެ. އޭގެ ތެރޭގައި ހިޔާ ޓަވަރުތަކާއި ވިނަރެސް ޓަވަރުތައް ހިމެނެއެވެ. އިއްޔެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ 15:30ހާއިރު ކަމަށްވާއިރު، ހުރިހާ ޓަވަރުތަކަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނީ އޭގެ އަށް ގަޑިއިރު ފަހުންވެ. އެ މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އިއްޔެ އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހުނެވެ. https://sun.mv/220522 ސްޓެލްކޯއިން ވަނީ އެ މައްސަލަ ދިމާވީ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށް ބުނެފައެވެ. އަދި އެ ގެއްލުން ލިބުނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސްޓެލްކޯއިން މިއަދު ބުނީ، އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި، ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށް އަޅާނެ ފިޔަވަޅު ހިމެނޭ ކަމަށެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކުރި ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސިސްޓަމް ގާއިމުކުރެވުމުން ކަރަންޓު ނެޓްވޯކަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، އިއްޔެ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންވެސް ދެ ފަރާތުން ވަނީ ވާހަކަދައްކައިފައެވެ. އަދި ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް މަޝްވަރާ ކުރި ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، އެ ކޭބަލްތައް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެއެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ