ސުކޫކް ދައްކާފައިވަނީ ރޭވުންތެރިކަމާއެކު ކަމަށާއި އެކަމުގެ ފައިދާ މެދުރާސްތާގައި ފެނިގެންދާނެ ކަމަށް މާލީ ވަޒީރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރާއްޖެއިން މިހާތަނަށް ދައްކަން ޖެހުނު އެންމެ ބޮޑު ދަރަނި މިމަހުގެ 2 ވަނަ ދުވަހު ދިވެހިރާއްޖެއިން ވަނީ ދައްކާފައެވެ.
މި ސުކޫކަކީ، 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކެވެ. މި ސުކޫކުގެ މުއްދަތު އެޕްރީލް މަހަށް ހަމަވާއިރު، އެއް ފަހަރާ ސުކޫކް ދެއްކިދާނެ ކަމުގެ ކަންބޮޑުވުން މީގެ ކުރިން އޮތެވެ. މުޅި ޖުމްލަ 8.1 ބިލިޔަން ރުފިޔާގައި ދަރަނި އެއްފަހަރާ ދައްކައި ޚަލާސް ކުރިއިރު، މީގެ ސަބަބުން ދިވެހިރާއްޖެއިން ދައްކަން ޖެހޭ ބޭރު ދަރަނީގެ ނިސްބަތް ކުޑަވެގެން ގޮސްފައިވެއެވެ. އަދި މި ދަރަނި ދައްކާފައިވަނީ އިތުރު ދަރަންޏެއް ނުނަގައިކަން ސަރުކާރުން ފާހަގަކުރެއެވެ.
މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އުފައްދަވާފައިވާ ވަޒީރުންގެ ފެންވަރުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ބަލަމުން އައި ކަމަކީ މި ދަރަނި ދެއްކުމުގެ ކަންތައް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެ ވަޑައިގެން، އެންމެ އިސްކަމެއް ދިނީ އޭރު ރާއްޖެ އޮތް އިޤްތިޞާދީ އަނދަވަޅުން ނަގައި ދަރަނި ދެއްކުމުގެ ޤާބިލިއްޔަތުކަން އިތުރު ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ދަރަނި ދެއްކި ވަގުތަކީ ހަނގުރާމަ ފެށިފައިވާ ވަގުތުކަމުން، މިކަމުގެ ސީދާ ފައިދާ ފެނިގެންދާނީ ހަނގުރާމައިގެ ހާލަތަށްފަހު ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހަނގުރާމަ ނިމިގެންދާއިރު އޭގެއިން ވާނެ ފައިދާތައް މެދުރާސްތާގައި އިރާދަކުރެއްވިއްޔާ، ދަރަނީ ނިސްބަތް ކުޑަވެގެން ދިއުމާއިއެކު ލިބޭނެ ފައިދާތައް ހުންނާނެ. އިރާދަކުރެއްވިއްޔާ އެދުވަސް މާލަހެއް ނުވެ ފެނިގެންދާނެ. އަދި އެއްވެސް ކްރެޑިޓް ރޭޓިން އޭޖެންސީއަކުން ބަދަލު ނުގެނޭ. އަންސާޓެނިޓީ ބޮޑުކަމުން ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ އަޅުގަނޑުމެންގެ ހުރިހާ ފިގާސްތަކާއި އެއްޗެހި އަޅުގަނޑުމެން ހުންނާނީ ބެލެންސްތަކާއި ފޯކާސްޓް ކުރެވޭ ގޮތްތައް މިފަރާތްތަކާއި ހުންނާނީ ޙަވާލުކޮށްފައި. " މާލީ ވަޒީރު ވިދާޅުވިއެވެ.
މި ދަރަނި ޚަލާސްކޮށްފައިވާއިރު ދަރަނި ނުދެއްކުމުގެ ހިރާސް ބޮޑުކަމަށް ބަލައި، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން، ރޭޓިން އޭޖެންސީތަކުން ދަށް ކުރިއެވެ. އަދި ރާއްޖެ ބަނގުރޫޓު ވުމުގެ ހިރާސް އޮތް ކަމަށް ރޭޓިންތަކުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިހާރު ދަރަނި ޚަލާސް ކުރުމުން މި ރޭޓިންތަކަށް ކުރިއެރުން ލިބޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.
ސަރުކާރުން ދަރަނިތައް ދައްކަމުންދާއިރު ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމަށްވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ބައިނަލްއަޤްވާމީ އެކި ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
"ސުކޫކުގެ ރޭޓިން އޭޖެންސީތަކާއި ލިއުންތައް ހިއްސާކޮށްފި، މެދުރާސްތާގައި ފައިދާ ފެންނާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ