އެޕަލްއިން އުފައްދާ ސްމާޓް އައިނުގެ ފްރޭމްތައް ޓެސްޓު ކުރަން ފަށައިފި
އެޕަލްއިން އުފައްދާ ސްމާޓް އައިނުގެ ފްރޭމްތައް ޓެސްޓުކުރަން ފަށައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން އެޕަލް ކުންފުނިން އުފައްދާ އައު ސްމާޓް އައިނުގެ ހަތަރު ފްރޭމް ސްޓައިލެއް އަދި ޑިޒައިނެއް އެ ކުންފުނިން ދަނީ ޓެސްޓުކުރަމުންނެވެ. މިއީ މެޓާ ކުންފުނީގެ ރޭ-ބޭން ސްމާޓް އައިނާ ވާދަކުރުމަށް އެޕަލްއިން އުފައްދާ އައިނެކެވެ. ބްލޫމްބާގްގެ ނޫސްވެރިޔާ މާކް ގާމަން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ނުވަތަ ޑިސްޕްލޭއެއް ނުހިމެނޭ ސްމާޓް އައިނެކެވެ. އެހެން ކުންފުނިތަކުން ނެރޭ ސްމާޓް އައިނަށް ވުރެ އެޕަލްގެ އައިނު ބަލާލަން ރީތިވާނެކަމަށް ރިޕޯޓްތައް ބުނޭ --- މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެޕަލްއިން ވަނީ އެ ކުންފުނީގެ ވިޝަން ޕްރޯއަށް އެމް5 ޗިޕާއެކު އައު ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ފަހުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އައު ކެޓަގަރީތަކުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. މެޓާ އަދި ސެމްސަންގް ފަދަ ކުންފުނިތަކުން އައިނުގެ ފްރޭމް އުފެއްދުމަށް އެހެން ކުންފުނިތަކާ ހަވާލުކުރި ނަމަވެސް، އެޕަލްއިން އެ ކުންފުނީގެ އައިނުގެ ފްރޭމްތައް ފަރުމާކޮށް އުފައްދަނީ އަމިއްލައަށެވެ. މި އައިނުގެ މައިގަނޑު ހަތަރު ޑިޒައިނެއް އެޕަލްއިން ދަނީ ޓެސްޓުކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ރޭ-ބޭން ވޭފެއަރާ ސްޓައިލްގެ ބޮޑު ހަތަރެސްކަން ފްރޭމަކާއި، ޓިމް ކުކް އަޅުއްވާ ފަދަ ހިމަ ހަތަރެސްކަން ފްރޭމެއްގެ އިތުރުން ބޮޑު ވަށް ނުވަތަ އޯވަލް ފްރޭމަކާއި، އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް ބޭނުންކުރެއްވި ފަދަ ކުޑަ ވަށް ފްރޭމެކެވެ. މި ސްމާޓް އައިނުގައި ކެމެރާ ލެންސްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި ދިގަށް އިންނަ އޯވަލް ލެންސަކާއި، ރެކޯޑުކުރާކަން އަންގައިދިނުމަށް މެޓާގެ އައިނުގައިވެސް އިންނަ ފަދަ ރިންގް ލައިޓެއް (އެލްއީޑީ އިންޑިކޭޓަރެއް) ހިމެނޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. އެޕަލްއިން އަންނަނީ މި އައިނަށް ޚާއްސަކޮށްގެން "ވިޝުއަލް އިންޓެލިޖެންސް" ފީޗާތައް ފޯރުކޮށްދިނުމަށް އަމިއްލަ އޭއައި ވިޝުއަލް މޮޑެލްއެއްވެސް ތައްޔާރުކުރަމުންނެވެ. އެހެންނަމަވެސް، އެޕަލްގެ މި ސްމާޓް އައިނު ބާޒާރަށް ނެރޭނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ބާޒާރަށް ނެރޭނީ ޓެސްޓުކުރަމުންދާ ހުރިހާ ޑިޒައިންތަކެއްކަން ނުވަތަ ވަކި ޑިޒައިނެއްކަންވެސް އަދި ކަށަވަރެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ