މާލެ އިން ގެންނަ ބޮޑު ދެ އިންޖީނުން ތިނަދު އަށް ކަރަންޓް ދޫކުރެވޭނީ މާދަމާ ރޭ: ފެނަކަ

އަލިފާނުގެ ހާދިސާއެއްގައި ހުރިހާ އިންޖީނެއް ހަލާކުވުމުން ކަރަންޓް ކެނޑިފައިވާ މި ރަށަށް މާލެއިން ގެންނަ ދެ ޖަނަރޭޓަރުން ކަރަންޓް ދޫކުރަން ފެށޭވަރުވާނީ މާދަމާ ރޭގެ ވަގުތެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. ތިނަދޫ ކައުންސިލް އިދާރާގައި ގާއިމުކޮށްފައިވާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވާހަކަދައްކަވަމުން ޓެކްނިކަލް މެނޭޖަރު މުސްތަފާ ހަސަން ވިދާޅުވީ މާލެއިން ގެންނަ ދެ ޖަނަރޭޓަރު ހިފައިގެން ދަތުރުކުރާ ކޮޅުވެއްޓި މިހާރު އޮތީ ތ. އަތޮޅާ ހިސާބުގައި ކަމަށެވެ. އަދި މިރަށަށް އާދެވޭ ވަރުވާނީ މާދަމާ މެންދުރެއްހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ. ތިނަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ޓެކްނިކަލް މެނޭޖަރު މުސްތަފާ ހަސަން (ކ) ނޫސްވެރިންނާ ވާހަކަދައްކަވަނީ. ހަވީރު ފޮޓޯ: ނިޝާން އަލީ "އެ ދެ ޖަނަރޭޓަރަކީ ރަނިން ކޮންޑިޝަންގައި ހުރި ދެ ޖަނަރޭޓަރަށް ވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ ޕަވާ ހައުސްއާ ހަމަޔަށް ގެންދެވޭތާ 12 ވަރަކަށް ގަޑިއިރުގެ ތެރޭގައި މުޅި ރަށަށް ކަރަންޓް ދޫކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ މުޅި ތިނަދޫގައި ގާއިމުކޮށްފައި ވަނީ ހައިވޮލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކެއް ކަމަށް ވާތީ ރަށުގެ އެކި ތަންތަނުގައި ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓް ދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން އެންމެ ފުރަތަމަ ވެސް އިސްކަން ދިނީ އެންމެ މުހިންމު ތަންތަނަށް ފުރަތަމަ ކަރަންޓް ދޫކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފެނަކަ ކޯޕަރޭޝަންގެ ތިނަދޫ އޮފީހުން ބުނީ މިހާރު ވެސް ކުދި ޖަނަރޭޓަރުތައް މި ރަށަށް ލިބެމުންދާ ކަމަށެވެ. އަދި އެ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ދެން ކަރަންޓް ދޭ ތަންތަނުގެ ތެރޭގައި ރަށުގެ ގިނަ މިސްކިތްތައް ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މުސްތަފާ ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ކަރަންޓް ދޭން ފެށޭވަރުވާނެ ކަމަށެވެ. ތިނަދޫގެ އެކި ސަރަހައްދުތަކަށް ވަގުތީ ކަރަންޓް ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރަނީ. ހަވީރު ފޮޓޯ: ނިޝާން އަލީ "މިހާރު ފެނަކައިގެ މުވައްޒަފުންނާއި އިމަޖެންސީ ހާއްސަ ޓީމާ ގުޅިގެން ރަށުގެ ވަރަށް ގިނަ މުހިންމު ތަންތަނަށް ވާނީ ކަރަންޓް ދޫކޮށްފައި. އަދިވެސް މި ރަށާ ކައިރި ރަށްރަށުން ލިބެން ހުރި ޖަނަރޭޓަރުތައް ގެނެސް ކަރަންޓް ދިނުމަށް މި ދަނީ މަސައްކަތްކުރަމުން،" މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަގުތީ ގޮތުން މިހާރު ކަރަންޓް ދޭ ހަ ޖަނަރޭޓަރުން ގާތްގަނޑަކަށް 400 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ