ޕީޕީއެމްގެ ސަރުކާރެއްގައި ޖީއެމްއާރަށް އެއާޕޯޓް ދޭކަށް ނުބުނަން: މައުމޫން

އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ޕީޕީއެމުން ލަފާދީފައިވާ ކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރުމާއި ގުޅޭގޮތުން ޕީޕީއެމުން ދެ ގޮތަކަށް ލަފާ ދީފައިވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ޖީއެމްއާރާއި އެކުވެފައިވާ އެއްބަސްވުން އުވާލުމަށް ޕީޕީއެމުން ދެ ގޮތަކަށް ލަފާދީފައިވަނީ އެ އެއްބަސްވުން ވެފައިވަނީ ބޮޑު ހިތްހަމަނުޖެހުމެއްގެ ތެރޭގައި މަޖިލީސް އޮއްވާ ކަމުން އެ އެއްބަސްވުން އެއޮތްގޮތަށް ބޭއްވުން އެއީ ބުއްދިވެރި ކަމެއްކަމަށް ނުފެންނާތީ ކަމަށެވެ. އަދި ހަމަ އެގޮތަށް ދެ ޤައުމެއްގެ ދެމެދުގައިވާ ގުޅުމަށް ބުރޫއަރާނެތީ، އިތުރަށް މަޝްވަރާ ކުރަން ފެންނަ ކަމަށްވެސް ލަފާ ދީފައިވާނެކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
"އެގްރީމެންޓް އުވާލުމަށާއި މަޝްވަރާ ކުރުމަށް ލަފާދިނިން. އުވާލަން ލަފާދިނީ، އެ އެއްބަސްވުން ވި ދުވަސްވަރު މަޖިލީހުގެ ތެރެއިންނާ އެއްބަސްވުން ވިގޮތާއި މެދު ޚިޔާލު ތަފާތުވުންތަކެއް ހުރެ، އެއްބަސްވުން ވެފައިވަނީ އެންމެ ރަނގަޅަށް ނޫންކަމުން. އަޅުގަނޑަކަށް ނޭނގެ ރައީސް ވަހީދު ކީއްވެ ކަމެއް އެ ވިދާޅުވަނީ ޕީޕީއެމުންވެސް ބުނީ އެއްބަސްވުން އުވާލާށޭ" މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު މީގެ ކުރިން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ޕީޕީއެމުން ލަފާދީފައިވާނީ އިންޑިޔާއާއެކު އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
މައުމޫން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުން ޖީއެމްއާރާއިއެކު ވެފައިވާ އެއްބަސްވުން އުވާލީ އެންމެ ރަނގަޅަށް ނޫންކަމަށް މައުމޫން ވިދާޅުވީ، ކުރިން އިންޑިޔާއާއި އެކު ރާއްޖެއިން ބާއްވަމުން އައި ގުޅުން މިކަމުގެ ސަބަބުން ގޯސްވެ، ރައްޔިތުންނަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ސަރުކާރެއްގައި ޖީއެމްއާރުގެ ހުށަހެޅުމެއް އައިސްފިނަމަ އެކަމާއި މެދު މަޝްވަރާ ކުރައްވާނެކަމަށް މައުމޫން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައި ނުވާނެ ކަމަށްވެސް މައުމޫން މިރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ދެއްކި ވާހަކައަކީ، ވެވޭ އެއްބަސްވުމަކަށް އިޚްތިރާމް ކުރަންވާނެ. އެއްބަސްވުން އުވާލާފައިވަނީ އެންމެ ރަނގަޅަކަށް ނޫނޭ. އަޅުގަނޑު ބުނެފައެއް ނޯންނާނެ ޕީޕީއެމްގެ ވެރިކަމެއްގައި ޖީއެމްއާރާއި އެއާޕޯޓު ހަވާލު ކުރާނެމެކޭ" މައުމޫން ވިދާޅުވިއެވެ.
މައުމޫން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ޕީޕީއެމުން އިންޑިޔާ ސަރުކާރާއި އެކު ގެންގުޅޭނެ ގާތް ގުޅުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ