މިސްބާހުގެ އާއިލާއަށް ގާސިމް ތައުޒިޔާ ވިދާޅުވެއްޖެ

ގާނޫނީ ވާޖިބު އަދާ ކުރަމުން ދަނިކޮށް ރޭ ސައިކަލުން ޖައްސާ ޒަހަމްކޮށްލުމުން ފަރުވާ ދެމުން ދަނިކޮށް ކޮންސްޓަބްލް އަބްﷲ މިސްބާހު ނިޔާވެފައިވާތީ، ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ފުލުސް ކޮންސްޓަބަލްގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެ، ރޭ ހިންގި ލާއިންސާނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފި އެވެ.
ނ. އަތޮޅުގައި ހުންނަވައިގެން ގާސިމް މިއަދު ނެރުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެކި ގޮތްގޮތުން ފުލުހުންނާއި އާއިލާތަކަށް ހަމަލާ ދީ، ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރަން ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެއިން އެއްވެސް ކަމަކާ ގުޅިގެން ވާޖިބު އަދާ ކުރުމުގައި ފުލުހުން ފަހަތަށް ނުޖެހުމަށެވެ.
ރޭގެ އެ އަނިޔާވެރި އަމަލު ހިންގި މީހުން ވީހާ އަވަހަކަށް ގާނޫނުގެ ކުރިމައްޗަށް ގެންގޮސް އެ މީހުންނަށް ދޭންޖެހޭ ހައްގު އަދަބު ދިނުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އަމަން ބެލެހެއްޓުމުގައި ފުލުހުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ފުލުހުންނަށް ދޭ ހަމަލާތާ ހުއްޓުވުމަށް އެމަނިކުފާނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ