ގދ. ތިނަދޫ އިން ކަރަންޓް ކެނޑުނުތާ ހަތަރު ދުވަސް ފަހުން މިއަދު އެރަށައް ވަގުތީގޮތުން ކަރަންޓް ދޫކުރަން ފަށައިފި އެވެ. 
ތިނަދޫގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އަލުން ތިނަދޫއަށް ކަރަންޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. 
މިރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މުޅި ތިނަދޫއިން ކަރަންޓް ކެނޑުމާއި އެކު ވީހާވެސް އަވަހަށް އަލުން އެރަށަށް ކަރަންޓް ދިނުމަށް ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަން މިހާ އަވަހަށް ކާމިޔާބު ވެގެންދިޔައީ ތިނަދޫ ރައްޔިތުންގެ ކެތްތެރިކަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ތިނަދޫ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. 
މިނިސްޓަރު ވިދާޅުވީ އަލިފާންގެ މިފަދަ ހާދިސާތައް ތަކުރާރުނުވާނެހެން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން މިފަދަ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ބެކަޕް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއްކަން އިނގޭނީ މިހާރު ކުރިއަށްދާ ތަހުގީގުތަކަށް ފަހު ކަމަށާއި އެ މައުލޫމާތުތައް ކަމާ ގުޅޭ ފަރާތްތަކުން ފަހުން ހާމަކުރައްވާނެ ކަމަށެވެ. 
ތިނަދޫއަށް އަލުން ކަރަންޓް ދޭން ފެށިފައި މިވަނީ އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯ އިން ފޯރުކޮށްދިން ދެ އިންޖީނެއް ބޭނުން ކޮށްގެންނެވެ. 
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ތިނަދޫ އަށް އަލުން ކަރަންޓް ދޭން ފެށީ ދެ އިންޖީނެއް ބޭނުންކޮށްގެން ކަމަށްވީ ނަމަވެސް ތިން އިންޖީނެއް ތިނަދޫ އަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެއީ 1.4 މެގަވޯޓްގެ ޖަނަރޭޓަރެއް ކަމަށާއި އާދިއްތަ ދުވަހު މި އިންޖީން ތިނަދޫއާ ހަމައަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ. 
ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާ ހުލިވީ މިމަހުގެ 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މި ހާދިސާ ހިނގަން މެދުވެރި ގޮތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
    
    ތިނަދޫ އަށް އަލުން ކަރަންޓް ދޭން ފަށައިިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            