ކުރީގެ މެމްބަރު ނާޒިމްގެ ބޭސްފަރުވާއަށް އަނެއްކާވެސް ދެ މަހުގެ މުއްދަތު އިތުރުކޮށްދީފި

އުމުރަށް ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރު ދެމަސް ދުވަހަށް އިތުރުކޮށްދީފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒް ވިދާޅުވީ، ނާޒިމަށް ސިންގަޕޫރްގައި ބޭސް ފަރުވާކުރަން ދިން މުއްދަތު ހަމަވުމުން، އޭނަ އަލުން އިތުރު އޮޕަރޭޝަނޭއް ވެސް ކުރަން ޖެހޭތީވެ، އޭނައަށް ދިން މުއްދަތު އަނެއްކާވެސް އިތުރު ކޮށްދީފައި ވަނީ އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަަމަށެވެ. މިއީ ނާޒިމް ބޭސްފަރުވާއަށް ދިޔަފަހުން ކަރެކްޝަނަލް ސާވިސްއިން އޭނާގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.
ރައީސް އަބްދުﷲ ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނުނު ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ.
ނާޒިމް ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން މާލޭގައި އޭޑީކޭ އާއި އައިޖީއެމްއެޗްގައި ވެސް އެތައް ފަހަރަކު ނާޒިމަށް ފަރުވާ ދީފައިވެ އެވެ. އަދި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދީފައިވެ އެވެ.
ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ