ސުޕްރީމް ކޯޓު މިރޭ ކުރި ހުކުމަކީ ވަރަށް ފުރިހަމަ ހުކުމެއް ކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ވޯޓު އޮޅުވާލުމުގެ ކަންތައް "ހިސްޓްރީ އަށް" ވަދެގެން ހިނގައްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން މިރޭ ބާތިލު ކުރުމަށް ހުކުމް ކުރުމާ ގުޅިގެން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމަކީ ވަރަށް ފުރިހަމަ ހުކުމެއް ކަމަށާއި ފަނޑިޔާރުން ކުރެއްވި ހުކުމަށް "ސާބަސް ދަންނަވާ" ކަމަށެވެ. ގާސިމް ވިދާޅުވީ ކޯޓުގެ ހުކުމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
"އަޅުގަނޑުމެން ކެތްތެރިކަމާއެކީ އަނެއްކާ ވެސް މިއޮތީ ކުރިމަތިލާންޖެހިފައި. ވަރަށް ކުޑަ ދުވަސްކޮޅެއް މިއޮތީ. މިއަދު މިއީ ހަތް ވަނަ ދުވަސް. އަޅުގަނޑުމެން ވޯޓުލިތާ އެއް މަސްވީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފުލް ސްޕީޑްގައި ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދިއުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި މިދިޔަ ފަހަރު ނުބެލި ހުރި ތަންތަން ފޫބައްދައިގެން ކުރިއަށްދާންވީ ކަމަށެވެ. އަދި މިރެއިން ފެށިގެން އަނެއްކާ ވެސް ކެންޑިޑޭޓް ނަމްބަރު އެކަކަށް ވޯޓު ހޯދުމުގެ ކަންތައް ކުރިއަށް ގެންދަންވީ ކަމަށް ވިދާޅުވެ ވަނީ ކެމްޕެއިން އިއުލާންކުރައްވައިފަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ދެ ވަނަ ބުރަށް ގާސިމް ނުގޮސްގެން ނޫން ކަމަށާއި ރައްޔިތުންގެ ހައްގެ ހޯދައިދޭން ކަމަށެވެ.
ހަސަން ސައީދު ވަނީ އެ ޕާޓީން ކޯޓަށް ދިޔަ ސަބަބުތައް ބަޔާންކޮށްދީފަ އެވެ. އެގޮތުން އެ ޕާޓީން ބުނީ މައްސަލަ ކޯޓަށް ވެއްދީ ވުޖޫދުގައި ނެތް ބަޔަކަށް ވޯޓުލުމުން ކަމަށާއި 18 އަހަރުން ދަށުގެ ކުދިން ވޯޓުލާފާވާތީ އާއި މަރުވެފައިވާ ބަޔަކު ވޯޓުލީ ލިސްޓުގައި އޮތުމުން ކަމަށާއި އަދި ބީޕީއާރުއެސް ސިސްޓަމް ތެރެއިން ވޯޓު އޮޅުވާލުމުގެ ކަންތަކެއް ހިންގާފައި ވާތީ ކަމަށެވެ. ހަސަން ސައީދު ވިދާޅުވީ ކޯޓުގެ ހުކުމުން މިއަދު އެހުރިހާ ކަމެއް ވެސް ސާފުވެގެން ހިނގައްޖެ ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ހައްގު ހޯދައިދީފައި ވަނީ ތަންތަނުގައި ހުޅުޖަހައި މީހުންނަށް ބިރުދައްކައިގެން ނޫން ކަމަށެވެ. އަދި އަދި ހައްގު ހޯދައިދީފައި ވަނީ ގާނޫނީ ހުދޫދުގެ ތެރެއިން ކަމަށެވެ.
ވޯޓު އޮޅުވާލުން ތާރީހުގެ ތެރެއަށް ވަދެގެން ހިނގައްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ