އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައިގެ މައުލޫމާތު ތަކެއް އާންމު ކުރި ބީއެމްއެލްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރ ގާސިމް އަބްދުލް ކަރީމު މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް) ގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފިއެވެ.
ގާސިމް އަކީ ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ތުހުމަތުގައި އޭނާ 2016 ވަނަ އަހަރު އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
އޭރު ގާސިމް ހުންނެވީ ފ ނިލަންދޫ ބީއެމްއެލް ބްރާންޗްގެ މެނޭޖަރަކަށެވެ.
އެމްސީއައިއެފްއަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ ތަރައްގީކުރުމަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް 2016 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެމްސީއައިއެފްގެ ޗެއާމަނަކަށް މިހާތަނަށް ހުންނެވީ އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. އައިޝަތު މުނީޒާއެވެ.
އެމްސީއައިއެފްގެ ޗެއާމަނަކަށް ގާސިމް އައްޔަންކުރި އިރު 2016 ވަނަ އަހަރު ގާސިމް ޖަލަށްލުމަށް ހުކުމްކުރީ އެމްއެމްޕީއާރުސީގެ ހިޔަނާތާއި ގުޅޭ އެސްއޯއެފް ކުންފުނީގެ އެކައުންޓުގެ މައުލޫމާތު ހާމަކުރުމުންނެވެ.
އޭނާ އަށް ދައުވާކޮށްފައިވަނީ ވިސްލް ބްލޯކުރުމުގެ އުސޫލުތަކާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރުވާލުމާ ގުޅިގެން ގާސިމް ހައްޔަރުކޮށް ހުކުމް ކޮށްފައވާއިރު، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލާ މީހުންނަށް ހިމާޔަތްދިނުމަށް އެކުލަވާލާފައިވާ "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަހަރުވަނީ ފާސްކޮށްފައެވެ.
މިބިލްގައި ވިސްލްބްލޯ ކުރެވޭނެ ތިން ފަރާތެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެ ތިން ފަރާތަކީ ދައުލަތުގެ މުވައްޒަފަކާއި، އަމިއްލަ ފަރާތެއްގެ މުވައްޒަފެއްގެ އިތުރުން އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.
ވިސްލްބްލޯ ކުރުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށްވެސް ކާކުން ނޭނގޭގޮތަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލި ގާސިމް އެމްސީއައިއެފްގެ ޗެއާމަނަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ