ބޮޑު ޖަރީމާއެއް ހިންގުމަށް ޝަހުމް އާއި ފަރިޔާޝް ހޭބޯނާރާ އުޅުނު – އުމަރު

މާފުށީ ޖަލުން މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ފިލި އިބްރާހިމް ޝަހުމް އާދަމް އާއި ފަރިޔާޝް އަހުމަދު ހައްޔަރުކުރީ ބޮޑު ޖަރީމާއެއް ހިންގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާފުށި ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން އެ ޖަލުގެ ވަށާ 20 ފޫޓުގެ އުސްމިނުގައި ލުމަށް ހަމަޖެހިފައިވާ ކޮންކްރީޓް ފާރުގެ ބިންގާ އެޅުމަށް މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ޝަހުމް އާއި ފަރިޔާޝް ޖަލުން ފިލީ ބޮޑު ޖަރީމާއެއް ހިންގުމަށް ކަމަށާއި އަދި އެކަމުގައި އެމީހުން ހޭބޯނާރާ އުޅުނު ކަމަށެވެ.
ޝަހުމް އާއި ފަރިޔާޝް ޖަލުން ފިލީ އެއްވެސް ހާލަތެއްގައި މާލެތެރޭގައި އުޅުމަށް ނޫންކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ ދެ ގައިދީން ފިލި މައްސަލާގައި ކަރެކްޝަނަލް ސާވިސްގެ އެއްވެސް އޮފިސަރެއްގެ އިހުމާލެއް އަދި ބައިވެރިވުމެއް ނެތްކަން މިހާރު އެނގިފައިވާ ކަމަށެވެ.
މިވަގުތަށް ކުރެވުނު ތަހުގީގުގުތަކުން އެގޮތަށް ދެއްކި ނަމަވެސް މިކަމުގައި އެއްވެސް ވަރަކަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއްގެ އިހުމާލެއް އޮވެއްޖެނަމަ އެ އޮފިސަރަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ޖަލުން ފިލި ދެ ގައިދީން ހައްޔަރުކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ