ފުލުހުންގެ ހުރިހާ ސްޓޭޝަންތަކެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ސްޓޭޝަންތަކުގެ އިތުރުން، ތަހްގީގުކުރުމުގެ ބާރުތައް ދީފައި އޮންނަ ހުރިހާ އޭޖެންސީތަކާއި އަދި މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިދީފައިވާ ހުރިހާ އިދާރާއެއްގެ އޮފީހުގައިވެސް ކެމެރާ ހަރުކުރުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، މިނިންމުމަކީ، އިންޑިއާގެ ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ކށަވަރު ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ. ގާނޫނުއަސާސީގެ 21 ވަނަ މާއްދާ ގޮވާލަނީ، ދިރިހުރުމުގެ ހައްގު ކަށަވަރުކުރުމާއި، ޒާތީ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދިނުމަށެވެ.
މިކަން ކަށަވަރު ކުރުމަށްޓަކައި، ފުލުހުންގެ ކޮންމެ ސްޓޭޝަނެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަބަދުވެސް ޖައްސާފައި ބަހައްޓާކަން ކަށަވަރުކުރުމަށް ސްޓޭޓް ސަރުކާރުތަކާއި ޔޫނިއަން ޓެރިޓަރީގެ ސަރުކާރުތަކަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
ފުލުހުންގެ ސްޓޭޝަންތަކުގެ އިތުރުން، ތަހުގީގީ މަރުކަޒީ އިދާރާތައް ކަމަށްވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން – ސީބީއައި އާއި، އެންފޯސްމަންޓް ޑައިރެކްޓޮރޭޓް – އީޑީއާއި، ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ – އެންއައިއޭގެ އޮފީސްތަކުގައިވެސް ސެކިއުރިޓީ ކެމެރާ ހަރުކުރުމަށްފަހު ބޭނުންކުރެވޭގޮތް ހަދާފައިވާ ބެހެއްޓުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
މި އޭޖެންސީތަކަކީ، މީހުންނާއި ސުވާލުކުރުމާއި، މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިދޭ އިދާރާތަކެވެ.
ފުލުހުންގެ ސްޓޭޝަންތަކާއި، ތަހްގީގީ އެހެން އިދާރާތަކުގައި ހަރުކުރާ ކެމެރާ ތަކަކީ ރޭގަނޑުވެސް ބޭނުން ކުރެވޭގޮތަށް އަދި ވީޑިއޯއާއި އޮޑިއޯވެސް ރެކޯޑުކުރެވޭ ކެމެރާތަކަށް ވާންޖެހޭނޭ ކަމަށް އަމުރުގައި ވެއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ނެރުނު މި އަމުރަށް، އެކްޓިވިސްޓުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ލޯޔަރުންނާއި، ގާނޫނީ ދާއިރާގެ އެހެން ފަރާތްތަކުންވެސް ވަނީ މަރްހަބާ ކިޔާފައެވެ.
އަދި ބުނެފައިވަނީ، މިކަމުގެ ސަބަބުން މީހުން ހައްޔަރުކުރުމާއި، ތަހްގީގުތައް އެތެރެ ފެންނަ ގޮތެއްގައި އަދި ޒިންމާ ކުރެވޭގޮތަށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެހެން ނަމަވެސް، ބައެއް ފަރާތްތަކުން ގެންދަނީ، މިއީ ތަންފީޒުވާނެ ކަމެއް ކަމާމެދު ސުވާލު އުފައްދަމުންނެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން، ޖަލުތަކުގައި ކުރާ އަނިޔާތައް ހުއްޓުމަށް މަފުފަހިވެގެންދާނެ ކަމަށް، ގާނޫނީ ފަރާތްތަކުން ބުނެއެވެ.
ޚާއްސަ ގޮތެއްގައި، ޓެރަރިޒަމާ ގުޅުން ހުންނަ މައްސަލަތަކުގައި މީހުން ކުށަށް އިޢްތިރާފް ކުރުވަނީ ތަޅައި އަނިޔާކޮށްގެންކަމުން، އެފަދަ ކަންކަން މަދުވެގެންދާނެ ކަމަށް ބުނެއެވެ.
އިންޑިއާ ސަރުކާރުގެ އިދާރާއެއް ކަމަށްވާ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖަލުތަކުގައި 255 މީހުން މަރުވެފައި ވެއެވެ. މިމަރުތަކާ ގުޅިގެން ކުށްވެރިވެފައިވަނީ ފުލުހުންގެ އެންމެ ތިންމީހުންނެވެ.
2019 ވަނަ އަހަރު އެކަނިވެސް ހައްޔަރުގައި ހުއްޓައި 85 މީހުން މަރުވެފައި ވާއިރު، އެ މަރުތަކާ ގުޅިގެން ފުލުހުންގެ 8 މީހެއްގެ މައްޗަށް ދައުވާ އުފުލިނަމަވެސް އެއްވެސް މީހަކު ކުށްވެރިވެފައެއް ނުވެއެވެ.
ހުރިހާ ޕޮލިސް ސްޓޭޝަންތަކެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ