ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބޯޑު އެކުލަވާލައި، ޗެއާމަނަކަށް އަބްދުލް ލަތީފު ގާސިމް، އެމްޑީއަކަށް ރިޒްވީ

ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފެއްދި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބޯޑު އެކުލަވާލައިފި އެވެ.
"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އެ ކުންފުންޏަކީ 100 ޕަސެންޓްް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 200 މިލިއަން ހިއްސާގެ މި ކުންފުނީގެ ރައުސުލްމާލަކީ ދެ ބިލިއަން ރުފިޔާއެވެ.
ކުންފުނި އުފެއްދިތާ ތިން މަސް ފަހުން އެ ކުންފުނީގެ ބޯޑު އެކުލަވާލި އިރު، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ.
އެގޮތުން ކުންފުނީގެ ޗެއާމަން ކަމަށް އައްޔަން ކުރައްވާފައިވަނީ 2009 ވަނަ އަހަރު، އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރެއްވި އަބްދުލް ލަތީފު ގާސިމެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ފިރާޒާއި، މުހައްމަދު ޝަފާއު ހަސަންގެ އިތުރުން ހުސައިން ޝާމިން އާއި އަބްދުﷲ ވަހީދެވެ. އަދި އެއް ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ.
ރީޖަނަލް އެއާޕޯޓްސް އުފެއްދުމާ ގުޅިގެން ސަރުކާރުގެ މަސްއޫލު އިދާރާއެއްގެ ގޮތުގައި ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ވަނީ ކޯޕަރަޓައިޒްކުރުމަށް ނިންމައިފަ އެވެ. އަދި އެ ނިންމުމާ ގުޅިގެން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން މިއަދު ވަނީ ރީޖަނަލް އެއާޕޯޓްސް ކޯޕަރަޓައިޒްކުރުމާގުޅޭ ޗާޓަރެއް އާންމުކޮށްފަ އެވެ.
ޗާޓަރު ބުނާ ގޮތުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ބަދަލު ކުރަނީ މިވަގުތު ރީޖަނަލް އެއާޕޯޓްސް ގެ ބެލުމުގެ ދަށުން ކުރާ ހުރިހާ މަސައްކަތްތަކާއި، ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި ހުރިހާ ސަރަހައްދީ އެއާޕޯޓްތަކާއި އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި ހަރުމުދަލާއި ނުއުފުލޭ މުދަލާއި މުވައްޒަފުންނާއި އެ ތަންތަނާ ގުޅޭ އެންމެހައި އެއްބަސްވުންތަކާއި އަދި އެނޫންވެސް ރީޖަނަލް އެއާޕޯޓްސްއާ ގުޅޭ އެންމެހައި މަސައްކަތްތަކެވެ. އަދި އެކަންކަމާ ގުޅޭ ހުރިހާ އެއްބަސްވުންތަކާއި އެނޫންވެސް އެތަންތަނާ ގުޅޭގޮތުން އުފެދިފައިވާ ހުރިހާ ގާނޫނީ ހައްގުތަކާއި އިލްތިޒާމްތައް ބަދަލުކުރުމުގައި އަމަލުކުރެވޭނެ އުސޫލެއް ވެސް އެ ޗާޓަރުގައި ބުނެފައިވެ އެވެ.
އެގޮތުން މިލްކިއްޔާތު ބަދަލުކުރުމާއި އެއްބަސްވުންތަކާއި ގާނޫނީ ހައްގުތަކާއި އިލްތިޒާމްތައް ބަދަލުވުން އަދި މުވައްޒަފުން ބަދަލުވެގެންދާނެ އުސޫލު ބަޔާންކޮށްފައިވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓުތައް ތަރައްގީކޮށް ވައިގެ ދަތުރުފަތުރު ތަރައްގީ ކުރަމުން އަންނައިރު ވެލާނާ އިންޓަނެޝަނަލް އެއާޕޯޓާއެކު ރާއްޖޭގައި 16 އެއާޕޯޓު މިހާރު އެބައޮތެވެ.
އޭގެ ތެރެއިން ބައެއް ބައެއް އެއާޕޯޓުތަކަކީ އަމިއްލަ ކުންފުނިތަކުން ހިންގާ އެއާޕޯޓުތަކެކެވެ. އެގޮތުން ދ. ކުޑަހުވަދޫ އެއާޕޯޓާއި އއ. މާމިގިލީ އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓަކީ އަމިއްލަ ކުންފުނިތަކުން ހިންގާ އެއާޕޯޓުތަކެވެ. އަދި ލ. ކައްދޫ އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގަނީ ސަރުކާރާއި އަމިއްލަ ފަރާތަކުން ގުޅިގެންނެވެ.
ރާއްޖޭގެ މައި ވައިގެ ބަންދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ އިރު، ހދ. ހަނިމާދޫ، ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. ކާޑެއްދޫ، މާވާރުލު، ފުވައްމުލަކު، ނ. މާފަރު، ރ. އިފުރު، ބ. ދަރަވަންދޫގެ އިތުރުން ތ. ތިމަރަފުށީ އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ