ބޮޑު ހިޔާނާތް ފަޅާ އަރުވައިލި ގާސިމް، އެންއީސީގެ ރައީސްކަމަށް

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއީސީ)ގެ ރައީސްކަމުގެ މަގާމަށް އެމްއެމްޕީއާރުސީގެ ބޮޑުޔާނާތް ފަޅާއަރުވައިލި ގާސިމް އަބްދުލްކަރީމް ހަމަޖައްސައިފި އެވެ.
އެ ކޮމިޝަންގެ ރައީސް ކަމަށް ގާސިމް ހަމަޖެއްސިކަން އިއުލާން ކުރެއްވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލިސް ރައީސް ވިދާޅުވީ ގާސިމް އެންއީސީގެ ރައީސްކަމަށް ހަމަޖައްސަވާފައިވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން އެކަން މަޖިލީހަށް އިއުލާން ކުރައްވާ ކަމަކަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން، ގާސިމާއެކު ހަތަރު ބޭފުޅަކު މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންއީސީ އަށް އައްޔަން ކުރައްވައިފައެވެ.
އެ ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ގާސިމް އަބްދުލްކަރީމުގެ އިތުރުން މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާ އާއި، ގަލޮޅު ދޫރެސްވިލާ އާޝިޔަތު ޝިއުނާ އާއި، ދަފްތަރު. ނަންބަރު ރސ 1188 ޝުއައިބު އަބްދުއްރަހްމާނެވެ.
އެންއީސީގެ ރައީސްކަމުގެ މަގާމަށް ހަމަޖެއްސި ގާސިމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާޅުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ.
އެ މައްސަލައިގެ ސަބަބުން، ވިސްލް ބްލޯވިން އުސޫލާ ހިލާފަށް ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމް، އަށް މަހާއި 12 ދުވަހަށް ޖަލަށްލި އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ދޫކޮށްލާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ