ލާލޭ ސްކޫލް ހިންގާ އިމާރާތް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން އެކުލެވޭތޯ ބަލަނީ

ލާލެ އިންޓަނޭޝަނަލް ސްކޫލް ހިންގާ އިމާރާތް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް ޝައްކު ކުރެވިގެން އެ މައްސަލަ ބަލަމުންދާތި އެ އިމާރާތް ބަޔަކާ ހަވާލު ކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު އަންގައިފި އެވެ.
ލާލޭ އިންޓަނޭޝަނަލް ސްކޫލަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ ހިންގި ފަރީދިއްޔާ ސްކޫލު ހިންގި އިމާރާތުގައި ހިންގާ ސުކޫލެކެވެ. ފަރީދިއްޔާ ސުކޫލުގައި، ލާލޭ އިންޓަނޭޝަނަލް ސްކޫލު ހިންގަން 2008 ވަނަ އަހަރުގެ ތެރޭގައި ބިޒް އެޓޯލަށް ސަރުކާރުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ހަވާލުކުރީ އޭރު ފަރީދިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔަ ކުދިން ހުޅުމާލޭގެ ގާޒީ ސްކޫލަށް ބަދަލުކުރުމަށްފަހު އެވެ. ފަސް އަހަރުގެ މުއްދަތު 2013 ވަނަ އަހަރު ހަމަވުމުން ސަރުކާރުން ވަނީ އިތުރު ދެ އަހަރުވެސް ފަރީދިއްޔާ ސްކޫލު ހިންގި އިމާރާތުގައި ލާލެ ޔޫތް އިންޓަނޭޝަނަލް ސްކޫލު ހިންގަން ފުރުސަތު ދީފަ އެވެ.
ފަރީދިއްޔާ ސްކޫލް ހިންގި އިމާރާތް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މިބިޑަށް ކުރިމަތިލި ހަތަރު ފަރާތުގެ ތެރެއިން ބިޑު ކާމިޔާބުކޮށްފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަނުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވެ އެވެ. އަދި އެ އިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވަން ނިންމާފައި ވަނިކޮށް މި އިމާރާތް އެ ކުންފުންޏަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ޝައްކު ކުރެވޭތީ އެކަން މަޑުޖައްސާލުމަށް އޭސީސީން އެޑިއުކޭޝަނަށް އަންގާފައިވާތީ މި ރަސްމިއްޔާތު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް މިމައްސަލާގައި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކޮލިޓޭޓް އެޑިއުކޭޝަން އުފައްދާފައިވާނީ ފަރީދިއްޔާ ސްކޫލް ހިންގުމަށް ބިޑަށް ހުޅުވާލުމުގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. އަދި ފަރީދިއްޔާ ސުކޫލު އިމާރާތުގައި ހިންގަމުން ދިޔަ ލާލޭ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް މިދިޔަ ހަފްތާގައި ކޮލިޓޭޓް އެޑިއުކޭޝަނުން މެސެޖް ކޮށް އެންމެ މަތިން މާކްސް ލިބިގެން އެ ކުންފުންޏަށް ބިޑް ކާމިޔާބު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސިޓީ އަކުން އަންގާފައިވާ ކަމަށް ބުނެ މެސެޖު ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އަންނަ އަހަރުން ފެށިގެން ދެން އެ ސްކޫލު ހިންގާނީ އިންޑިއާ އާއި ސްރީލަންކާ އާއި އިނގިރޭސި ވިލާތް އަދި އޮމާންގައި ވެސް ސްކޫލުތައް ހިންގާ، ގޭޓްވޭ ސްކޫލާ ގުޅިގެން ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އަށް އަހަރު ކުރިއްސުރެ ލާލޭ ސްކޫލު ހިންގަމުން އައި ތުރުކީގެ ކުންފުނި، ބިޒް އެޓޯލް އަށް ދީފައިވާ މުއްދަތު ހަމަވުމުން، ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ވެސް ބިޒް އެޓޯލް އިންނެވެ. ދެވަނައަށް އެންމެ ކުޑަ ފީއެއް ހުށަހަޅާފައި ވަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.
ބިޑު ކާމިޔާބު ކުރެވޭނީ ފައިނޭންޝަލް ބިޑުގެ އިތުރުން ޓެކްނިކަލް ބިޑުން ވެސް އެންމެ މަތިން މާކްސް ހޯދާ ބަޔަކަށެވެ. ޓެކްނިކަލް ބިޑުގައި ހިމެނެނީ ސްކޫލު ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމުގެ އިތުރުން ސްކޫލު ހިންގުމަށް ޕްލޭންކޮށްފައިވާ ގޮތެވެ.
ރާއްޖޭގައި މިހާތަނަށް އެއްވެސް ސްކޫލެއް ހިންގާފައި ނުވާ ކޮލިޓޭޓް އެޑިއުކޭޝަންގެ ހިއްސާ ދާރުންގެ ތެރޭގައި ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަނބިން ވެސް ހިމެނެ އެވެ. ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުން ބޭރުގެ ފަރާތްތަކާ ގުޅިގެން ވިޔަފާރިކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން ހިމެނެ އެވެ.
ޖުމްލަ ހަތަރު ހިއްސާދާރުން ހިމެނޭ ކޮލިޓޭޓް އެޑިއުކޭޝަންގެ އަނެއް ދެ ހިއްސާދާރުންނަކީ، ލިޔެކިޔުންތަކުގައިވާ ގޮތުން ގދ. ފިޔޯރީ ރޯސްމީޑު މޫސާ ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ރަޝީދެވެ. އޭގެ ތެރެއިން މުހައްމަދު ރަޝީދަކީ މިހާރު ވެސް އަހްމަދިއްޔާ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލެވެ. މުހައްމަދު ރަޝީދު އެ ސްކޫލުގައި ހިސާބު މާއްދާ ކިޔަވައި ދެެއްވަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މޫސާ ރަޝީދު ވަނީ ލާލޭ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަން އަދި ރަށްރަށުގެ ބައެއް އެހެން ސްކޫލްތައް ހިންގުމުގައި ވެސް ހަރަކާތްތެރިވެވަޑައިގަންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ