މައުމޫން ޕާޓީ ހެއްދެވުމުން ރައީސް ނަޝީދަށް އިންތިޚާބު ދިފާއުކުރެއްވޭނެ: އަލީ ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ސިޔާސީ ޕާޓީއެއް ހަދަން ނިންމެވުމުން، 2013 ގެ ރިޔާސީ އިންތިހާބު، މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ދިފާއުކުރެއްވޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފި ކަމަށް ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެމްބަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
"ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ "އަޅުގަނޑު ޑީއާރުޕީން ވަކިވީ އެ ބޮޑު މަންޒަރު [ޑީއާރުޕީން] ފެންނަމުންދާތީ" ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތަރުޖަމާނެއްގެ ގޮތުގައި މައުމޫން އަރިހުގައި މަސައްކަތް ވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވީ އާ ޕާޓީއަކާ ދިމާލަށް މައުމޫން ދަތުރުފުޅު ފެއްޓެވުމުން "މައުމޫންގެ ދެ މޫނު" އެންމެންނަށް ވެސް ފެނިއްޖެ ކަމަށެވެ.
"އަޅުގަނޑަށް މިހާރު ފެންނަނީ ގަބީލާ އޮޑީގައި ތަސްމީން ޖެހި ފެތޭތަން. އެހެންވީމަ 2013 ގައި ރައީސް ނަޝީދަށް ވެރިކަން ދިފާއުކުރެވިދާނެ ކަމުގެ މަންޒަރު މި ފެންނަނީ،" ޑީއާރުޕީގައި ހުންނެވިއިރު ތަސްމީން އަރިހުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ. "މިހާރު ރައްޔިތުންނަށް އިނގޭނެ އަޅުގަނޑުމެން ކަހަލަ މީހުން ޑީއާރުޕީގައި އިސްކޮށް އުޅެފައި ދިޔަ ސަބަބު. އަޅުގަނޑަށް އޭރު ވެސް އެ މަންޒަރު ފެނޭ. މި ފުރުސަތުގައި ޑީއާރުޕީގެ އާންމު މެމްބަރުންނާއި ކައުންސިލަރުންނަށް ވެސް ގޮވާލަން ބޭނުން ރާއްޖޭގެ މުސްތަގުބަލާ އެކު ރައީސް ނަޝީދާ އެކު ވަޑައިގަންނަވާށޭ. ރަށާއި އަތޮޅުގެ ތަރައްގީ ގެނެވޭނީ ސަރުކާރާ އެކު ދިއުމުން. ސިޔާސީ ޕާޓީއެއްގެ އަތުގައި ހިފައިގެން ދިޔަސް އެ ތަރައްގީއެއް ނުގެނެވޭނެ."
އަލީ ވަހީދު ވިދާޅުވީ ޑީއާރުޕީގެ އެތެރޭގެ ހަގީގީ މައްސަލަ އަކީ މައުމޫނާއި ޕީއޭގެ ލީޑަރު އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ޕާޓީއެއް ނެތުން ކަމަށެވެ. އަދި މައުމޫންގެ ބޭނުންފުޅަކީ ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުން ކަމަށާއި އެ ދެ ބޭފުޅުންގެ ފުރިހަމަ ކޮންޓްރޯލް އޮތް ޕާޓީއެއް ބޭނުންވަނީ ކުރީ ސަރުކާރުގެ މައްސަލަތައް ބަލާފާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ވިދާޅުވީ ޑިމޮކްރެޓިކް ހަމަތައް ދަންނަ، ތައުލީމީ ޒުވާން އަދި ހަރުދަނާ ސިޔާސީ ބަޔަކު އާ ޕާޓީ އަށް ސޮއިނުކުރާނެ ކަމަށެވެ.
"އެހެނެއް ނޫން ކުރީ ސަރުކާރުން ފައިދާތަކެއް ވެފައިވާ ބަޔަކު އެ ޕާޓީ އަށް ދާނެ. އަޅުގަނޑު ގޮވާލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ޑީއާރުޕީން ކަނޑައިގެން މައުމޫން ގެންދެވި ބައެއް މެމްބަރުންގެ ޖިންސް ފިހާރަތަކާއި އަގު ބޮޑު ކެފޭތަކުގެ ހަގީގަތް ބަލައި ދިނުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
މައުމޫނާއި ތަސްމީންގެ ވެސް އެންމެ ބޮޑު ބަލިފަޔަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އާއިލީ ބޭފުޅުން ވެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނުފެނުނޭ އެމްޑީޕީން އެކަމެއް. އެމްޑީޕީގެ ނާއިބު ރައީސަކަށް އީވާ އަބްދުﷲ އެއް ނޫނޭ ރައީސް ނަޝީދު ނެރުއްވީ. އެހެންވާ ދުވަހަކު މި ޕާޓީ ވެސް ހަލާކުވާނެ. މައުމޫން ވާން ޖެހެނީ އަބަދުވެސް ބޮސް އަށް. ދެން ތަސްމީން ވެސް އަބަދުވެސް ވާން ޖެހެނީ ބޮސް އަށް،" އަލީ ވަހީދު ވިދާޅުވި އެވެ. "ޑީއާރުޕީ ކޮންގްރެސްގައި ފާތިން ހަމީދުމެން އެންމެން ނެރެގެން އެ މީހުން ފޭލްވީމަ އެކަން ބަލައެއް ނުގަނެވުނު."
އެހެން ނަމަވެސް އޭނާ ވިދާޅުވީ ޑީއާރުޕީގެ ގްރާސް ރޫޓް އޮތީ މައުމޫން ފަހަތްޕުޅުގައި ކަމަށެވެ. އެކަމަކު "މައުމޫން ޖަހާ ކޮންމެ ސަކަރާތެއް" ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ އެނގިގެން މި ދަންނަވަނީ ރައީސް މައުމޫން އަދި އެއްފަހަރު ބޭނުންވޭ ވެރިކަން ކުރަން. ވެރިކަމަށް އައުމަށް ފަހު މިޑް ޓާމް އިލެކްޝަނެއް ބާއްވާފައި އެހެން މީހަކާ ހަވާލުކުރަންވި ކަމުގައި ވިޔަސް ވެރިކަން ކުރައްވާނެ. މިހާރު ވެސް ވިދާޅެއް ނުވޭ ނޫންތޯ ތިމަންނަ ތާއީދު ކުރަނީ ގާސިމަށޭ. ޔާމީނަށޭ. ވެރިކަމަށް ކުރިމަތި ނުލައްވާނަމެކޭ ވިދާޅެއްނުވޭ ނޫންތޯ މިހާރު ވެސް. އެހެން ވިދާޅުވި ނަމަވެސް އޮޕޮޒިޝަން ހަމައަކަށް އެޅޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ ރައީސް ނަޝީދާއި މައުމޫން ކަމަށެވެ. އެ ދެ ބޭފުޅުން ވެސް ބޭނުންފުޅުވާ ކަންކަން ފަސޭހައިން ރާއްޖޭގައި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ރައީސް މައުމޫން ކުޅުވާނެ މަޖިލީހުގެ މެމްބަރުން ނެރެގެން އެންމެ ފަހު މިނިޓާ ހަމައަށް ވެސް. ޔާމީނަށް ބެކް ކޮއްފިއްޔާ ގާސިމެއް ނުހުންނާނެއޭ. އުމަރެއް ނުހުންނާނެއޭ. އެ ފޯމިއުލާ މައުމޫން އެންމެ ބޮޑަށް ވޯކް ކުރުވާނީ،" އަލީ ވަހީދު ވިދާޅުވި އެވެ. "ގާސިމާ ނުލައި އެއްވެސް މީހަކަށް ވެރިކަމެއް އަންނާކަށް ފަސޭހައެއް ނުވާނެ. ގާސިމް އޮން ބޯޑް ނުކުރެވިއްޖިއްޔާ މައުމޫން ]ވެރިކަމަށް[ ނުކުންނަވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ