ސިއްހީ ދާއިރާގެ ހަރަދުތަކާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި

"ސްޓޭކް ހޯލްޑަސް ކޮންސަލްޓޭޝަން މީޓިން އޮން ކޮސްޓް އޮފް ބޭސިކް ސާވިސަސް ޕެކޭޖް"ގެ ނަމުގައި ސިއްހީ ދާއިރާގެ ހަރަދުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
ޓްރޭޑާސް ހޮޓެލްގައި މިއަދު އޮތް ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގް އަލީ ލުތުފީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ސިއްހީ ހިދުމަތް އަތްފޯރާފަށަށް ގެނެވިފައިވީ ނަމަވެސް މިހާރު ކުރަންވެފައި އޮތް ސުވާލަކީ ހިދުމަތްތައް ދެވެނީ އެންމެ ރަނގަޅަށްތޯ ކަމަށެވެ. އަދި ހިދުމަތް ދެވެނީ ފެންވަރު ރަނގަޅަށްތޯ ސުވާލުކުރަންޖެހިފައިވާ ކަމަށާއި ފައިސާ އިސްރާފްކުރަނީތޯ ސުވާލު އުފައްދަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ބައްޓަންވެފައިވާ ގޮތުން ސިއްހީ ހިދުމަތަށް ފައިސާ ދައްކަނީ ސަރުކާރުން ކަމަށްވުމުން ހިދުމަތް ހޯދަންދާ މީހާ އެއްވެސް ވަރަކަށް ވިސްނާނުލާނެ ކަމަށެވެ. އަދި މިހާރު ކަންތައްދާ ގޮތަށްދާ ނަމަ ކުރިއަށް އޮތް އަށެއްކަ އަހަރުގެ ތެރޭގައި އަތްނުފޯރާ ފަރަށް ހަރަދު ބޮޑުވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އާންމު ސިއްހީ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ކަންތައްތަކާއި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ކަންތައްތައްތަކަކީ ކޮބައިތޯ ދެނެގަތުމަށް ޑަބްލިޔުއެޗްއޯ ގުޅިގެން "އެސެސްމަންޓް އޮފް ބޭސިކް ހެލްތު ސާވިސް"ގެ ނަމުގައި ހެލްތު މިނިސްޓްރީން ކުރިން ވަނީ ދިރާސާއެއް ހަދައިފަ އެވެ. މި ދިރާސާގެ އަލީގައި ސިއްހީ ދާއިރާގެ ކުރިމަގު ބައްޓަންކޮށް، ސިޔާސަތުތައް ރޭވުމާއި ސިއްހީ ދާއިރާ އަށް ކުރާ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމާއި ހިދުމަތް ދިނުމުގައި ބޭނުންވާ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ ވަސީލަތްތަކަށް ހެދުމުގައި މައުލޫމާތު ބަދަލުކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ