ފޮއްދޫގައި ހުރި ދައުލަތުގެ އިމާރާތްތައް ރައްޔިތުން ނުކުމެ ބަންދުކޮށްފި

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހިމަނާފައި ނުވާތީ އެ ރަށުގެ ރައްޔިތުންގެ ނުކުމެ ކައުންސިލް އިދާރާ އާއި ހެލްތު ޕޯސްޓް އަދި މެޖިސްޓްރޭޓް ކޯޓް ބަންދުކޮށްފި އެވެ.
ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަނީ ވިދާޅުވީ ރައްޔިތުން ނުކުމެ ދައުލަތުގެ ހުރިހާ އިމާރާތެއް ބަންދުކުރީ އިއްޔެ ކަމަށާއި އެކަން އަތޮޅު ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ މުހައްމަދު އަންގަވާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ ފާލަން މަރާމާތުކުރުމަށް 300،000ރ. އެއީ ބޭކާރު ހަރަދަކަށް ވެގެންދާނެ. މީގެ ހަތަރު އަހަރުކުރިން އެ ފާލަން މަރާމާތުކުރި. އެކަމަކު އިރުވައި މޫސުމުގައި ފާލަން ހަލާކުވެގެން ދިޔައީ. އެހެންވެ ރައްޔިތުން ބޭނުމެއް ނުވޭ ދައުލަތުން އެފަދަ ބޭކާރު ހަރަދުތަކެއް ކުރާކަށް. އޭގެ ބަދަލުގައި ބޭނުންވަނީ ބަނދަރެއް،" ސަނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ލަފާފުރުމުގެ މައްސަލަ ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް މިހާރުގެ ސަރުކާރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފޮއްދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ބަދަލުގައި، ފޮއްދު އަށް ވުރެ އާބާދީ މަދު ރަށްރަށުގައި ބަނދަރު ހެދުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވާ ކަންކަން ނުވާތީ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތަންތަން ހުޅުވާފައި ބެހެއްޓުމަށް ރައްޔިތުން ބޭނުން ނުވީ،" ސަނީ ވިދާޅުވި އެވެ.
އެ ރަށުގެ ހެލްތު ޕޯސްޓް ބަންދުކޮށްފައި ވާއިރު، އެ ތަނަކީ ކުރިން ވެސް ހަމައެކަނި ނަރުހެއް ހުންނަ ތަނެއް ކަމަށާއި ބޭހެއް ވެސް ނުލިބޭ ކަމަށް ސަނީ ވިދާޅި އެވެ. އަދި ރަށުގެ ކޯޓް ހިންގަމުންދަނީ ރަށު ކައުންސިލް އިދާރާގެ ކޮޓަރިއެއްގައި ކަމަށް ވުމުން، ކައުންސިލްގެ އިދާރާގައި ތަޅު އަޅުވާފައި ހުރުމުން، ކޯޓްގެ ހިދުމަތް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ