ޕީޕީއެމްގެ އެތެރޭގެ އެއްބައިވަންތަކަމަށް މައުމޫން ގޮވާލައްވައިފި
ޕީޕީއެމްގެ އިންތިހާބުތައް ކުރިމަތީގައި އޮތް އިރު އުފެދޭ ވާދަވެރިކަމުގެ ތެރޭގައި ޕާޓީގައި ރެނދުލައި ބައިބައިވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ. ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަ ގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ޕީޕީއެމުން ހޯދި ފަދަ ކާމިޔާބީއެއް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ހޯދަންޖެހޭ ކަމަށާއި އެކަން ހާސިލްކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކޮށްގެން ކަމަށެވެ. "އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އެއް ވިސްނުމެއްގައި މަސައްކަތްކުރަން އެބަޖެހޭ. އެއް އަމާޒަކަށް ވާސިލުވާން އެބަޖެހޭ. އެންމެން އެއްބައިވެ އެކަތިގަނޑަކަށް ވާން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައި ވުމަކަށް ތަން ނުދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ކިތަންމެ ވާދަވެރިކޮށް މި މަސައްކަތް ހިންގަމުން ދިޔަ ަނަމަވެސް އަޅުގަނޑުމެން ބައިބައި ވެގެނެއް ނުވާނެ. އަޅުގަނޑުމެން ތިބެންޖެހޭނީ އެއް އާއިލާއެއްގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ. ކުރިއަށް އޮތް ކޮންގްރެސް އާއި ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮތް ނަމަވެސް ބައިބައިވުމަށް ތަން ނުދިނުމަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ. އަނިޔާވެރި ހަމަލާއަކުން އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ޕީޕީއެމް މެންބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލުން ހޯދުމަށް ކަމާ ބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އަނިޔާވެރިކަމަށް ހައްލެއް ލިބޭނީ އަނިޔާވެރިން އިންސާފުގެ ކުރިމައްޗަށް ގެނެވިގެން ކަމަށެވެ. އަދި ކޮންގްރެސްގައި ހޮވާ ދީނީ ކޮމިޓީގެ ރައީސްގެ ގޮނޑި ކައުންސިލްގައި ޑރ. އަފްރާޝީމްގެ ހަނދާނުގައި އެއް އަހަރަށް ހުހަށް ބަހައްޓަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމާ ބެހޭ ގޮތުން މައުމޫން ވާހަކަ ދެއްކެވި އިރު އާންމުކޮށް މިފަދަ ޕޯޑިއަމްތަކުން ނުފެންނަ އެ މަނިކުފާނުގެ ދަރިކަލުން އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ދިވެހިންގެ އެއްބައިވަންތަކަމާ ބެހޭ ގޮތުން ވާހާކަ ދައްކަވައިފަ އެވެ. ޕީޕީއެމްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ އެއް ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ކުރާ މަސައްކަތް ޕީޕީއެމުން ހުއްޓައިނުލާނެ ކަމަށާއި އެ މަސައްކަތުގައި ދެމި ތިބޭނެ ކަމަށެވެ. އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރު އަދި ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ވަނީ ޑީއާރުޕީގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާ އެކު ޒެޑް ފެކްޝަނަކަށް ފަހު ޕީޕީއެމް އުފެދެން މެދުވެރިވި ސަބަބުތަކުގެ މައްޗަށް އަލިއަޅުވައިލައްވާފަ އެވެ. ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް މަސައްކަތްކުރި ގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ނެކްސްބިޒް އަށް ދީފައިވާ މައްސަލާގައި ވެސް ޕީޕީއެމުން އަޑުއުފުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަފްރާޝީމްގެ ހަނދާނުގައި ސުކޫތެއް ވެސް ގެނައި މި ޖަލްސާގައި، ޕީޕީއެމްގެ ފަރާތުން އުނގޫފާރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ޑރ. އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީން ވިދާޅުވީ ރާއްޖޭގައި ވޭތުވެދިޔަ ތަނުގައި ފެނިގެން ދިޔައީ ބިނާކުރަނިވި 30 އަހަރަކާއި ފަނާކުރަނިވި ތިން އަހަރު ކަމަށެވެ. އަބަދު ވެސް ފޯރި އާއި ޖޯޝުގައި ވާހަކަ ދައްކަވާ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްއަކީ ހަމައެކަނި ޕާޓީއެއް ނޫން ކަމަށާއި އެއީ ގައުމިއްޔަތުގެ ހިމާޔަތުގައި އުފެދުނު ހަރަކާތެއް ކަމަށެވެ. ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކާއި ސަރުކާރު ދިފާއުކުރަން ޕީޕީއެމުން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ