އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައިގެ ނިންމުން ބާތިލްކުރުމުން އިސްތިއުނާފް ކުރަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކުރުމުން އެކަން އިސްތިއުނާފްކުރަން ޖޭއެސްސީން ނިންމައިފި އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ނަޝީދު ސަރުކާރާ ގުޅޭގޮތުން ދިޓީވީގައި އަބްދުﷲ ގާޒީ ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް ބުނެ އެވެ. ޖޭއެސްސީން އެގޮތަށް ނިންމުމުން އަބްދުﷲ ގާޒީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުން ބާތިލްކޮށްފަ އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
ސުލޫކީ މައްސަލައިގެން ނިންމުން އަބްދުﷲ ގާޒީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ނިމެންދެން އަބްދުﷲ ގާޒީއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ސިވިލް ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނެވެ. އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖޭއެސްސީ ހާޒިރުކުރުމުން ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އޭރު ވިދާޅުވެފައި ވަނީ ކޯޓުގެ އަމުރާ ހެދި ފިޔަވަޅު އެޅެން ނެތީ ކަމަށެވެ.
އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން އިތުރު ޝަކުވާތަކެއް ވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ