މިނިވަންކަމާއި ސިޔާސަތު ގެއްލުމުގެ ކުރިން ވަކީލުން ހައްގުބަސް ބުނަންވެއްޖެ - މެމްބަރު ޢަލީހުސައިން

ގައުމުގެ މިނިވަންކަމާއި ސިޔާސަތު ގެއްލުމުގެ ކުރިން ވަކީލުން ހައްގު ބަސް ބުނަންވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ މުގުރަމުން ދާއިރު ގާނޫނީ ވަކީލުން އެއްވެސް އެއްޗެއް ނުބުނެ ތިބޭތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ހުސައިން ވިދާޅުވީ ދެ ފަހަރަށް ގާނޫނުއަސާސީ މުގުރާލައި، ގާނޫނީ އުސޫލުތަކާއި ހަމަތައް "ދިރުވާލަމުން ދާއިރު" މިކަމާ މެދު ގިނަ ވަކީލުން އެއްޗެއް ނުބުނާ ކަމަށެވެ. އަދި މިއީ ވަކީލުން ވެސް ހައްގު ބަސް ބުނަންޖެހޭ ވަގުތު ކަމަށާއި އެއްޗެއް ނުބުނެ ވަކީލުން ތިބެނީ ކޮންބަޔަކު އައިސް ގައުމު ސަލާމަތް ކުރާނެ ކަމަށްތޯ އަލީ ހުސައިން ސުވާލު އުފައްދަވާފަ އެވެ.
"އެކި ގޮތްގޮތުން މަސައްކަތް ކުރާ، ސަރުކާރުގެ މުއައްސަސާތަކުގަ އާއި އަމިއްލަ ގޮތުން މަސައްކަތް ކުރާ 900 އެއްހާ ވަކީލުން އެބަތިބި. އަޅުގަނޑުމެންނަކަށް ނުފެނޭ އެ ބޭފުޅުން ވިދާޅުވާންޖެހޭ ހައްގުބަސް ވިދާޅުވާ ތަނެއް،" މަޝްހޫރު ގާނޫނީ ވަކީލުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން ހޯމަ ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރިޒުގު ދެއްވާނީ މާތްﷲ ކަމަށާއި އެކަމަކީ އެހެން ފަރާތަކަށް ބާރު ފޯރުވޭނެ ކަމެއް ނޫންކަން އެންމެން ވެސް ދަންނަންޖެހޭ ކަމަށެވެ. ގައުމުގެ މިނިވަންކަމަށް ކާބަފައިން ކުރި މަސައްކަތުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށާއި ފުލުހުންނާއި ސިފައިން މިކަންކަމުން މިސާލު ލިބިގަންނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ހުވަޔަކީ އާދައިގެ އެއްޗެއް ނޫން. ހުވައެއް ކުރުމަށް ފަހު އެއާ ޚިލާފްވެއްޖެ ނަމަ އެކަމާމެދު ސުވާލު ކުރެވޭނެ. އަޅުގަނޑުމެންގެ ލީޑަރު މަޖިލީހަށް ހާޒިރު ނުވެވޭ ގޮތަށް ބަންދުކޮށްގެން ތިޔަބޭފުޅުން ތި ގެންގުޅުއްވަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.
މެމްބަރު އަލީ ހުސައިންގެ އިތުރުން ރޭގެ ޖަލްސާގައި ކޯލިޝަންގެ ބޭބޭފުޅުން ވަނީ ސަަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވީ ދުވަހަކަށް ވުރެ ދުވަހެއް ސަރުކާރު ދަނީ ބަލިވަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުގެ ފަޅި ދުވަހަކަށްވުރެ ދުވަހެއް ދަނީ ބޮޑުވަމުން ކަމަށެވެ. އަދި ސަރުކާރަކަށް ވާ ފަދަ ސަރުކާރެއް މިއަދު ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އަމަލުފުޅުތަކުންވެސް ހާމަވަނީ ގާނޫނީ ސަރުކާރެއް ނެތްކަން ކަމަށް ޝިދާތާ ވިދާޅުވި އެވެ.
"މިއަދު މިފެންނަނީ ރައްޔިތުންގެ މަޖިލިސް ދުވަހަކު ވެސް ނުދެކޭހާ ދަށު ދަރަޖަ އަށް ސަރުކާރުން ވައްޓާލާފައިވާ މަންޒަރު. އަޅުގަނޑު މެމްބަރުންނަށް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އެ ދަންތުރައިގައި ތިބޭފުޅުން ޖެހިވަޑައިނުގަންނަވާށޭ،" ޝިދާތާ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުން ތެދުވެ، ހައްގުބަސް ބުނަންޖެހޭ ކަމަށާއި އިދިކޮޅު ލީޑަރުން ޖަލުތަކުގައި ބައިތިއްބައިގެން ސަރުކާރުން ހިންގާ ޖަރީމާތަކަށް ފުރުސަތު ދެވެން ނެތް ކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ