އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމް ހުށަހަޅުއްވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެ ދެ ބޭފުޅުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަރު ފުއާދު ތައުފީގާ ހަވާލުކުރެއްވުމަށް ފަހު، ބައެއް ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ހިއްސާކުރެއްވި އެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ވޯޓް ރަޖިސްޓްރީކުރުމާ މެދު ހުރި ކަންބޮޑުވުންތަކެވެ.
ޔާމީން ވިދާޅުވީ ހުއްދަ ދެވިފައިވާ ފަރާތަކަށް ނޫން ގޮތަކަށް އިލެކްޝަންސްގެ ޑޭޓާބޭސް އަށް ނުވަދެވޭނެ ކަމަށް ކޮމިޝަނުން ޔަގީންކޮށްދިން ނަމަވެސް ވޯޓް ރަޖިސްޓްރީ ކުރާއިރު އޮޅުވާލުންތަކެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެގޮތަށް އޮޅުވާލުމުގެ ކަންކަން ހިންގާނީ އާއްމު ރައްޔިތުންގެ ބަދަލުގައި ޖަމާއަތްތަކުންނެވެ.
އިންތިހާބަށް ތައްޔާރުވާއިރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލާ މީހުންނަށް 2008ގެ އިންތިހާބުގައި ދިމާވި ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ޔާމީނާއި ޖަމީލް އެދިވަޑައިގަތެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމަށް ކުރާ މަސައްކަތުގައި ޕާޓީތަކުގެ މަޝްވަރާ ހޯދުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ފުއާދު ވިދާޅުވީ ޕީޕީއެމުން ފާހަގަކުރި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނުން ބުނީ ފޯމްގައި ހުރި މައުލޫމާތުތައް ޔަގީންކުރުމަށް ފަހު މިއަދުގެ ވަގުތެއްގައި ޕީޕީއެމަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.
ޔާމީން ފޯމް ހުށަހަޅުއްވަން ވަޑައިގަތީ އޭނާ އާއި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިޔަފާރިވެރިންގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރެއްވުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ