ޖިމްގައި ރޯވީ ކަރަންޓް ޝޯޓަކުން ކަމަށް ބެލެވޭ: އައިޖީއެމްއެޗް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޖިމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ޖިމްގައި ރޯވި އަލިފާން ކުޑަވަގުތުކޮޅެއްގެ ތެރޭ ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. "ބެލެވޭ ގޮތުގައި އެކަން ހިނގީ ކަރަންޓު ޝޯޓަކުން،" އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ ރޯވި އަލިފާން ނިއްވާލެވުނު ނަމަވެސް އެތަނުގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ދުން އެބަހުރި ކަމަށާއި، އިތުރަށް ބަލަންޖެހޭ ބެލުންތައް ސިފައިން ބަލަމުންދާ ކަމަށެވެ. "ލިބިފައި ހުރި ގެއްލުންތައް ބެލޭނީ އެތެރޭގައި ހުރި ދުންތައް ބޭރުވެ، އެތެރެ ކްލިއާވުމުން،" އަދުނާން ވިދާޅުވި އެވެ. އައިޖީއެމްއެޗުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުން އެ ސަރަހައްދަަށް ދިޔަ އެވެ. ނަމަވެސް މިހާރު އަލިފާން ނިއްވާލާފައިވުމުން، އެމްއެންޑީއެފްގެ ފަޔާ ލޮރީތައް ވަނީ އެ ސަރަހައްދުން ދުރަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ