މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށާފައިވާކަން ފުލުހުން މިރޭ އިއުލާނުކޮށްފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 13:00 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އޭނާ ހޯދަނީ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ވެފައިނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެނެވެ. އާންމުކޮށް ގެއްލިގެން ހޯދާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރެއެވެ. ނަމަވެސް، މިހާރު ގެއްލިގެން ހޯދާ މީހާގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހޯދަނީ އައިޝަތް ލަމްޔާ ނަމަކަށް އަންހެނެކެވެ. އޭނާ ގެއްލިގެން ހޯދުމަށް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުކޮށްފައެވެ. އަހުމަދު ހައްމާދު ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ރޭ 08:30ގައި ލަމްޔާ ގެއިން ނިކުތް ގޮތަށް ޚަބަރެއް ވެފައިނުވާ ކަމަށެވެ. އަދި، އޭނާ އެންމެ ފަހުން ފެނުނީ ރޭ 09:30 ހާއިރު، މއ. ސަހަރާ ކަންމަތި، ދިލްބަހާރު މަގު ކައިރިން ކަމަށް ހައްމާދުގެ ޕޯސްޓުގައިވެއެވެ. އޭރު ލަމްޔާ ލައިގެން ހުރީ ހުދު ކުލައިގެ ޓޮޕަކާއި ކަޅު ޖިންސެއް ކަމަށްވާއިރު، ހުރީ ކަޅު ޝޯލްއެއް އަޅައި ހުދު ފައިވާނަކަށް އަރައިގެން ކަމަށް އެމީހާ ލިޔެފައިވެއެވެ. މި ޕޯސްޓުގައި ވަނީ ލަމްޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، 9661230 ނުވަތަ 9959907އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ