ކަރަންޓު މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފަށައިފި
        މާލެ ސަރަހައްދުގައި ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފިއެވެ.  ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތައް، ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވި އާންމު ހާލަތަށް ގެނެވެންދެން ކުރިއަށްދާނެ ކަމަށެވެ.  އެ މަސައްކަތްތަކާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.  ކަރަންޓު ވިއުގައަކުން ގުޅުވައިފައިވާ، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން އެއް ފަހަރާ ކަރަންޓު ކެނޑުނީ މިއަދު 12:35 އެހާކަންހާއިރެވެ. އެއަށްފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ފަސް ގަޑިއިރަށް ވުރެ ބޮޑުވީ ފަހުން، 18:30ހާއިރެވެ.  މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ. އެހެންވެ، ފުލުހުން ވަނީ މި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފައެވެ.  ހަކަތައާއި ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވެސް ވަނީ މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.  އެ މައްސަލައާ ގުޅިގެން ސްޓެލްކޯއިން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ކަރަންޓު ކެނޑެން ދިމާވީ އިންޓަ ކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަމަކު، ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ އިކުއިޕްމެންޓަށް ގެއްލުންވެފައިވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށާއި މާލޭގައި އެއްކޮށް ކަރަންޓު ދިޔުން ނުވަތަ 'ޓޯޓަލް ބްލެކްއައުޓް'އަކަށް ދިޔުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ