ބައެއް ޖަނާޒާތަކުގައި ގިނަ ބައަކު ބައިވެރިވެއެވެ. ނަމަވެސް ޢާންމުކޮށް ހުރިހާ ޖަނާޒާތަކެއްގައި ބައިވެރިވަނީ މަދުބައެކެވެ. މިއީ ވަރަށް ދެރަކަމެކެވެ. މަސައްކަތްކުރަންވީ ވެވުނު ވަރަކުން ވީހާ ގިނަ ޖަނާޒާތަކުގައި ބައިވެރިވުމަށެވެ.
ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. އެމީހެއްގެ މައްޗަށް ކަށުނަމާދުވެސް ކުރެވޭނެ މީހެކެވެ. އިން ޝާ ﷲ. ވީއިރު ކޮންމެ މީހަކީވެސް އެމީހެއްގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ވީހައި ގިނަ ބައަކު ބައިވެރިވުމަށް އެދޭނެ މީހެކެވެ. އެހެންކަމަށްވާއިރު އެމީހާ ދުނިޔޭގައި ހުރި ދުވަހު ވީހައި ގިނަ ބައެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ފުރަތަމަ ކުރަންޖެހޭ ކަންތަކެވެ.
ކޮންމެ މީހަކީވެސް ޢާއިލާއެއް އޮންނާނެ މީހެކެވެ. އެމީހެއްގެ ގާތް މީހަކު މަރުވުމުން ޖަނާޒާގައި ބައިވެރިވެ ހެޔޮދުޢާކޮށްދިނުމުން ޢާއިލާގެ އެންމެންވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރާނެއެވެ. އެއީ ކުރަންޖެހޭނެ ވެސް ކަމެކެވެ. އެހެނީ ހެޔޮ ދުޢާއަކީ އެންމެ އަގުހުރި ހަދިޔާއެވެ. މީހަކު ހަދިޔާއެއް ދީފިނަމަ އެކަން ޝުކުރުވެރިކަމާއިއެކު ބަލައިގަންނަވެސްވާނެއެވެ. މުސްލިމުންގެ ގޮތަކީ އެއީއެވެ.
މުސްލިމް އަޚަކު/އުޚުތަކު މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެތެރެއިންވާ ކަމެކެވެ. އެ ޙައްޤު އަދާކުރުމުން ތިމާއަށް ލިބިގެންދާ ފައިދާތައް އެހައިމެ ގިނައެވެ. ފުރަތަމަ ކަމަކަށް އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ޘަވާބު ގިނަކަމެވެ.
ދެވަނަ ކަމަކަށް މީސްތަކުންގެ ލޯތްބާއި ހެޔޮ ދުޢާ ލިބިގެންދާކަމެވެ. ތަޤްވާވެރިއަކަށް މީސްތަކުންގެ ހެޔޮ ދުޢާ އާއި ލޯބި ލިބުމަކީ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުުލިގެންދާ ކަމެކެވެ.
އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކާއި، އޭގެ މަޤްޞަދުތަކާމެދު ވިސްނާ ބެލުމުން އެނގި ޔަޤީންވެގެންދަނީ، މުސްލިމު އަޚާގެ ޙަޔާތުގައްޔާ އަދި މަރުވުމަށްފަހުގައިވެސް އޭނާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް ދެމިގެންދާކަމެވެ. އަދި އެ ޙައްޤުތައް އަދާކުރުމުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ޘަވާބުގެ ގިނަކަން މިޙަދީޘްފުޅޫން އެނގިގެންދެއެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنِ اتَّبَعَ جَنَازَةَ مُسْلِمٍ، إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ» [رواه البخاري / كتاب: الإيمان / باب: خوف المؤمن من أن يحبط عمله وهو لا يشعر / رقم: 47]
މާނައީ: "މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އެކަމުން ލިބޭ ޘަވާބަށް އީމާންވެ އަދި އެކަމަށް އެދިގެން، އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ ނިމެންދެން އެކަމުގައިވާ މީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ އެނބުރި އެއަންނަނީ ދެ ޤީރާޠުގެ އަޖުރާއިގެންނެވެ. ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދައާ އެއްވަރެވެ."
ދާދިފަހުންވެސް ހަމަ މިފަދަ މޭރުމަކުން ނަޞޭޙަތްތެރިވީމެވެ. އަލުންވެސް މިހަނދާންކޮށްދިނީ މީސްތަކުންނަށް މިއަދު އުޅެންޖެހިފައިވާ ޖަނާޒާތަކުގައި ބައިވެރިވުމަށް ދޭ ސަމާލުކަން ކުޑަވަމުން އަންނާތީއެވެ.
(ރާއްޖެއަށް ބަލައިފިނަަމ ގިނައިން ކަށުނަމާދުކުރެވެނީ ފަރުޟު ނަމާދެއްގެ ފަހުންނެވެ. ޖަނާޒާއަށް ހޭދަވާނީ ގިނަވެގެން ބައިގަޑިއެއްހައިއިރެވެ. ނައިގަޑިއިރުން އުހުދު ފަރުބަދައިގެ 2 ފަރުބަދަހައި ގިނަ ޘަވާބު ލިބިގެންދާކަމެއް ދޫކޮށްލަން ހެޔޮވެދާނެހެއްޔެވެ؟)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވީހާ ގިނައިން ޖަނާޒާތަކުގަ ބައިވެރިވުން- ކުރަން އެންމެ ފައިދާހުރި އެއް ކަންތައް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ