ސުޕްރީމް ކޯޓުން ވެސް ނިންމީ ނަޒާހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް

ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ، އޭނާ މަރާލިކަން ސާބިތުވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ.މި މައްސަލަ ހަ އަހަރު ފަހުން، 2021 ވަނަ އަހަރު ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ސަބަބަކީ މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށް ވާތީ އެވެ. އެކަމަކު އެ ނިންމުން ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ނަޒާހާ ބުނެފައި ވަނީ ޝާހިދު ގަޔަށް ވަޅި ހެރީ އަމިއްލަ ނަފްސު ދިފާއު ކުރުމަށް ކަމަށެވެ. ޝާހިދަކީ އޭނާއަށް ގެވެށި އަނިޔާ ކުރާ މީހެއް ކަމަށާއި، ވަޅި ހެއިއިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް އެވަގުތު ފަހުމުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމެވީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެގޮތަށް ނިންމެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދުގެ އަޣުލަބިއްޔަތުންނެވެ.މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔުގައި ވިދާޅުވީ ނަޒާހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމީ ރަނގަޅަށް ކަމަށް ބުރަވެވޭ ކަމަށެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވެސް ފާހަގަކުރައްވާފައި ވަނީ ނަޒާހާގެ ނަފްސާނީ މައްސަލައެއް ހުރި ނަމަވެސް އެކަން ސާބިތުކޮށްދިނުމަށް ހަބީރެއްގެ ހެކިބަސް ނަގާފައި ނުވާ ކަމަށެވެ. މިފަދަ ހައްސާސީ މައްސަލައެއްގައި ހަމައެކަނި ސައިކޮލޮޖީ ރިޕޯޓަކުން އެކަނި ނުފުދޭނެ ކަމަށާއި، ސައިކްރޭޓިސްޓެއްގެ ހެކިބަސް ވެސް ބޭނުންވާނެ ކަމަށެވެ. އެ ސަބަބާހުރެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ފާހަގަކުރެއްވި އެވެ.މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި، ޝާހިދު މަރާލީ ގަސްތުގައި ނޫން ކަމަށާއި، އަދަބު ކަނޑައެޅުމުގެ ބައި ކްރިމިނަލް ކޯޓަށް އަލުން ތަހުވީލު ކުރުމަށް ވިދާޅުވި އެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދު ކުރައްވާފައިވެ އެވެ. ނަޒާހާ އުމުރަށް ޖަލަށްލީ ޝާހިދުގެ ވާރިސުން ގިސާސް ހިފަން ބޭނުން ނުވާ ކަމަށް ދަށު ކޯޓުގައި ބުނުމުންނެވެ. އަދި އޭނާ އުމުރަށް ޖަލަށްލި ނަމަވެސް ކުރީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަޒާހާގެ އަދަބުން ފަސް އަހަރުގެ ޖަލު ހުކުމް އުނިކޮށް ދެއްވައިފަ އެވެ.އެހެންކަމުން ދެން އިތުރަށް ނަޒާހާގެ ޖަލު ހުކުމުގެ ބާކީ އޮތީ ފަސް އަހަރެއްހާ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ