ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ 'މައުމޫން ފޮންޓް' އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ޑިޒައިންކޮށް ނެރުނު ފުރަތަމަ ފަހަރެވެ. ތާނަ ފޮންޓުތަކަށް ހާއްސަ ވެބްސައިޓު އަކުރު ޓައިޕްއިން މިހާރު މި ފޮންޓު ޑައުންލޯޑު ކުރެވޭނެ އެވެ.
މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން ނެރެފައިވާ މި ފޮންޓް ދައްކާލަން އިއްޔެ އާޓްގެލަރީގައި ވަނީ ހާއްސަ އެގްޒިބިޝަނެއް ވެސް ބާއްވާފަ އެވެ.
ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އަތުލިޔުވުމަށް ފޮންޓެއް ތައްޔާރުކޮށް ނެރުމަކީ އެމަނިކުފާނަށް ލިބިވަޑައިގެން ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.
"އަޅުގަނޑު މިހުރީ ވަރަށް އަޖައިބުވެފައި. މިހެން މިދެންނެވީ އަޅުގަނޑުގެ އަތުލިއުމަކީ އެއްވެސް އިރެއްގައި ރީތި ލިއުމެއް ކަމަކަށް އަޅުގަނޑު ދެކެފައެއް ނެތް. ކުއްލިއަކަށް ފޮންޓެއް ހަދައި އިފްތިތާހުކުރާ ކަންތައް އައީމާ ހިތަށްއަރާ ކިހިނެއްބާއޭ މިވަނީ،" ފޮންޓް ތައްޔާރުކުރެއްވުމުގެ މަސައްކަތްކުރެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަމުން މައުމޫން ވިދާޅުވި އެވެ.
"ކޮންމެ ގޮތެއްވިޔަސް މިއީ އަޅުގަނޑަށް ތިބޭފުޅުން ދެއްވި ވަރަށް ބޮޑު ޝަރަފެއް ވަރަށް ބޮޑު ކުރިއެރުމެއް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ވަރަށް ބޮޑު އުފަލެއް،"
މައުމޫން ވިދާޅުވީ:
ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން އެމަނިކުފާނަށް ހާއްސަކޮށް ފޮންޓެއް ނެރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް
ދިވެހި ބަސް ކުރިއަރުވައި ތަރައްގީކުރުމަށް މިއަދުވެސް މަސައްކަތްކުރަންޖެހޭ
ބަހަކީ ގައުމުގެ ދޫ އަދި ގައުމު ރަމްޒުކޮށްދޭ އެއްޗަކީ އެ ގައުމެއްގެ ބަސް
އެހެންކަމުން ބަސް ތަރައްގީވެގެން ގައުމު ތަރައްގީވާނީ
މި ފޮންޓަކީ އަޅުގަނޑު އިސްނަގައިގެން ނެރުނު އެއްޗެއް ނޫނަސް އެކަން ކުރަން އިސްނެންގެވި ބޭފުޅުންނަށް ޝުކުރު ދަންނަވަން
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންގެ ބޭނުމަކީ ގައުމަށް ކުރިއެރުން ހޯދައިދިނުން، ތަރައްގީ ހޯދައިދިނުން. ކޮންމެ މީހަކުވެސް އެމީހެއްގެ މަގާމުގައި އެމީހެއްގެ ގޮނޑީގައި އެމީހަކު ހުރި ތަނެއްގައި ހުރެގެން ގައުމަށް ހިދުމަތް ކުރުމަކީ އެމީހެއްގެ ވާޖިބަކަށް ހަދަންޖެހޭ. އެކަން އަޅުގަނޑު ހިތުން ދަނީ ވަރަށް ރަނގަޅަށް ކުރެވެމުން. އޭގެ އެއް ހެއްކެއް މިރޭ މިފެންނަނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ފޮންޓް ނެރެފި؛ އެމަނިކުފާނަށް ބޮޑު އުފަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ