ވިނީޝިއުސްގެ ހިތްވަރުން އެއްވަނަ ބްރެޒިލަށް

ގްރޫޕް ސީން އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް އަދި ދެ ވަނަ ޓީމުގެ ގޮތުގައި މޮރޮކޯ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައި ވެއްޖެ އެވެ.
ބްރެޒިލް ކޮލިފައިވީ ސްކޮޓްލޭންޑް 3-0އިން ބަލިކޮށްގެންނެވެ. މޮރޮކޯގެ ފަހު މެޗު އެ ގައުމުން ކާމިޔާބު ކުރީ މުޅިން އަލަށް ވޯލްޑް ކަޕުގައި ވާދަކުރި ހައިޓީއާ ވާދަކޮށް ފަހަތުން އަރައި 4-2 އިންނެވެ. މިއާއެކު ހަތް ޕޮއިންޓުން މި ދެ ގައުމު އެއްވަރުވެ ބްރެޒިލަށް އެއްވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.
ސްކޮޓްލޭންޑުން ހެދި ބޮޑެތި ގޯސްތަކުގެ ފައިދާ ނަގައި ބްރެޒިލަށް ފުރަތަމަ ދެ ގޯލު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. މި ދެ ގޯލާއެކު މި މުބާރާތުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. ފަހު ގޯލު ޖެހީ މަތިއަސް ކޫނާ އެވެ. ވިނީޝިއުސް ޖެހި ލަނޑެއް ރެފްރީ ގަބޫލު ނުކޮށްފައިވާއިރު މެޗުގައި ހެޓްރިކް ހަދަން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ.
މި މެޗުގައި ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ ނޭމާ ކުޅެން ނުކުތެވެ. ފަހު 15 މިނިޓްގައި އޭނާ ކުޅެން ނުކުތުމާއެކު ސަޕޯޓަރުންގެ ތަރުހީބުގެ އަޑުން މުޅި ދަނޑު ގުގުމާލި އެވެ. މިއީ 2023 ވަނަ އަހަރުގެ ފަހުން ގައުމީ ޖާޒީގައި ނޭމާ ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު އެކަށީގެންވާ ކުޅުމެއް އޭނާ އަށް ނުދެއްކުނެވެ.
ބްރެޒިލް އަތުން ތަފާތު ބޮޑުކޮށް ބަލިވުމުން ސްކޮޓްލެންޑަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. މުބާރާތުގެ 12 ގްރޫޕުން ތިން ވަނަ ހޯދާ އަށް ޓީމު ކޮލިފައިވާއިރު ސްކޮޓްލޭންޑް މިހާރު ހިމެނެނީ ތިން ޕޮއިންޓާއެކު ހަ ވަނަ ޓީމުގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ