ސްކޮޓްލެންޑް ބަލިކޮށް ބްރެޒިލަށް އެއް ވަނަ، މޮރޮކޯ ދެ ވަނައިގައި

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 25) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލެންޑް އަތުން 3-0 އިން މޮޅުވެ، ބްރެޒިލުން ގްރޫޕް ސީގެ އެއް ވަަނަ ހޯދިއިރު، ހައިޓީ އަތުން 4-2 އިން މޮޅުވެ، މޮރޮކޯ އިން ގްރޫޕްގެ ދެ ވަަނައިގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ. 
ބްރެޒިލުން މި ވަނީ އެ ޓީމުން ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ ފަހަރެއްގައި ގްރޫޕް ސްޓޭޖު ފަަހަނައަޅައިދިއުމުގެ ރެކޯޑް ދަަމަަހައްޓައިފަ އެވެ. 
ގްރޫޕް ސީގެ އެއް ވަނައިގައި ބްރެޒިލް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މޮރޮކޯ އަށް ވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމި ސްކޮޓްލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހައިޓީން ނިންމާލީ ތިން މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ. 
މަޔާމީ ސްޓެޑިއަމްގައި ކުޅުނު މެޗުގެ ހަތް ވަަނަ މިނިޓްގައި، ސްކޮޓްލެންޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ބްރެޒިލުން ލީޑުނެގީ ކީޕަރު އެންގުސް ގަން ކައިރިން ނައްޓާފައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. މެޗުގެ 22 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ދެ ވަނަ ގޯލެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، ވިނީޝިއުސް ފައުލެއް ކޮށްފައިވާތީވެ، ނިންމީ ގޯލު ބަލައިނުގަންނާށެވެ. 
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލުން ވަނީ ލީޑުފުޅާކޮށްފަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ތެރޭގައި މި ލަނޑު ޖެހީ މެޗުގައި ރަނގަޅު ފޯމެއްގައި ހުރި ވިނީޝިއުސް އެވެ. މިއީ، ބްރޫނޯ ގިމާރޭސް ނެގި ހުރަހަކުން އޭރިއާތެރެއިން ވިނީޝިއުސް ބޮލުން ޖެހި ގޯލެކެވެ. 
ދެ ވަނަ ހާފު ފަށައިގެން ވިނީޝިއުސް ހެޓްރިކެއް ހަދަން ފޮނުވާލި ބޯޅަ ކީޕަރު ގަން ވަނީ މަތަކޮށްފަ އެވެ.  މެޗުގެ 60 ވަނަ މިނިޓްގައި ބްރޫނޯ ގިމާރޭސް ހުސްކޮށްލާފައި ދިން ބޯޅައަކުން މަޓެއުސް ކޫންޏާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ، ކޫންޏާ މި ވޯލްޑް ކަޕްގައި ޖެހި ތިން ވަނަ ގޯލެވެ. 
ސްކޮޓްލެންޑުން 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯޯލްޑް ކަޕްގައި ކުޅޭއިރު، މުބާާރާތުގެ ގަދަ 32 ޓީމުގެ ބުރުން ފުރުސަތު ލިބޭތޯ ޖެހޭނީ އިންތިޒާރުކުރާށެވެ. އެއީ، 12 ގްރޫޕްގެ ކުޅުން ނިމޭއިރު، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތާވަލުގެ ގަދަ އަށް ޓީމު ތެރޭގައި ހިމެނޭތޯ ބަލާށެވެ. 
މެޗަށް ނުކުތްއިރު ވެސް ކަޓާފައި އޮތް ހައިޓީން ވަނީ މޮރޮކޯ ކައިރިން ލީޑުނަގައިފަ އެވެ. މިއީ، 10 ވަނަ މިނިޓްގައި މޮރޮކޯގެ ކީޕަރު، ޔާސީން ބޯނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހައިޓީން ފުރަތަމަ ހާފުގެ ގިނަ ވަގުތުގައި ލީޑުގައި އޮތްއިރު، 39 ވަނަ މިނިޓްގައި މޮރޮކޯ އިން އެއްވަރުކުރި އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން. އަޝްރަފް ހަކީމީ ޖެހި ލަނޑެކެވެ. 
މެޗުގެ 43 ވަނަ މިނިޓްގައި އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ވިލްސަން އިސީޑޯ ވަނީ ހައިޓީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ. 
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މޮރޮކޯ އިން އެއްވަރުކުރި އެވެ. މިއީ، ހަކީމީ ދިން ބޯޅައަކުން އިސްމާއިލް ސައިބާރީ ޖެހި ގޯލެކެވެ. ހަކީމީ ނަގައިދިން ހުރަހުން ސައިބާރީ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ، ސައިބާރީން މި ފަހަރު ވޯލްޑް ކަޕްގައި ޖެހި ތިން ވަނަ ގޯލެވެެ. 
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މޮރޮކޯ އިން ލީޑުނެގީ 78 ވަނަ މިނިޓްގައި ސޯފިއަން ރަހީމީ ޖެހި ގޯލުންނެވެ. އަދި، އޭގެ ފަހުން، ރަހީމީ ދިން ބޯޅައަކުން ގާސިމް ޔަސީން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ރަހިމީ އެ ބޯޅަ ނެގީ ބޭރުވި ފަހުން ކަމަށް ބުނެ، ހައިޓީން އެޕީލް ކުރި ނަަމަވެސް ކާމިޔާބެއްނުވި އެވެ. ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ