ވިނީޝިއަސްގެ ދެ ލަނޑުން ބްރެޒިލް އެކަކަށް، ފަހަތުން މޮރޮކޯ

ސްކޮޓްލެންޑް ކޮޅަށް ވިނީޝިއަސް ޖޫނިއަ ޖެހި ދެ ލަނޑާ އެކު، 3-0 އިން މޮޅުވެ ވޯލްޑް ކަޕްގެ ގްރޫޕް ސީން އެއްވަނަ ޓީމުގެ ގޮތުން ބްރެޒިލް ގަދަ 32އިން މިރޭ ޖާގަ ހޯދައިފި އެވެ.
ގްރޫޕްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ހެއިޓީއާ އެކު ފޯރިގަދަ ކުޅުމަކަށް ފަހު 4-2 އިން މޮޅުވެ މޮރޮކޯ އެވެ.
ބްރެޒިލް އާއި މޮރޮކޯ ވަނީ ހަތް ޕޮއިންޓުން އެއްވަރުވެފަ އެވެ. އެކަމަކު ބްރެޒިލަށް ފައިދާ ހަ ގޯލު އަދި މޮރޮކޯއަށް ތިން ގޯލު އޮތުމުން އެއްވަނަ ލިބުނީ ބްރެޒިލްއަށެވެ.
ވޯލްޑް ކަޕްގައި ފަސް ވަނަ ފަހަރަށް ސްކޮޓްލެންޑާ ވާދަކޮށް ބްރެޒިލްއަށް ތިން ވަނަ ލަނޑު ޖަހައިދިނީ މެތެއަސް ކޫނާ އެވެ.
މިހާތަނަށް ވިނީޝިއަސް އެވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައި، ޖުމްލަ ހަތަރަކަށް އަރުވައިފަ އެވެ. ކޫނާ މިހާތަނަށް ތިން ލަނޑެވެ.
ގްރޫޕް ސީގެ އެއްވަނަ ލިބުމާ އެކު މިހާރު ތާވަލް އޮތް ގޮތުން ނޮކްއައުޓް ބުރުގައި ބްރެޒިލް ކުޅެން ޖެހޭނީ ގްރޫޕް އެފްގެ ޖަޕާން ނުވަތަ ނެދަލެންޑްސްއާ އެވެ.
މޮރޮކޯ ވެސް ކުޅެން ޖެހޭނީ މީގެ ތެރެއިން ކޮންމެވެސް ޓީމަކާ އެވެ. ގްރޫޕް އެފްގެ ފަހު ދެ މެޗަށް ނުކުންނަ އިރު ނެދަލެންޑްސް އާއި ޖަޕާން ވަނީ ހަތަރު ޕޮއިންޓުން އެއްވަރުވެފަ އެވެ.
މިރޭ ކުޅުނު ގްރޫޕް ބީގެ ފަހު ދެ މެޗުގެ ތެރެއިން ކެނެޑާ 2-1 އިން ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދީ ސްވިޓްޒަލެންޑެވެ. ކެނެޑާ އާއި ބޮސްނިއާ ހަތަރު ޕޮއިންޓުން އެއްވަރުވި ނަމަވެސް ފައިދާ ފަސް ގޯލު އޮތުމާ އެކު ދެވަނަ ޓީމުގެ ގޮތުން ގަދަ 32އަށް ދިޔައީ ކެނެޑާ އެވެ.
އެކަމަކު ބޮސްނިޔާ ވެސް ތިން ވަނަ ހޯދާ ގަދަ އަށް ގައުމުގެ ތެރޭގައި ހިމެނި ނޮކްއައުޓް ބުރަށް ދިއުން ވަރަށް ކައިރި އެވެ. މި ވަގުތު ބޮސްނިއާ އޮތީ އެންމެ ރަނގަޅު ނަތީޖާއެއް ލިބުނު ތިން ވަނަ ޓީމުތަކުގެ ތެރެއިން އެއް ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ