ޑެހެއާ އަލުން ގެންނަން ޔުނައިޓެޑުން މަސައްކަތް ފަށައިފި ޑެހެއާ އަލުން ގެންނަން ޔުނައިޓެޑުން މަސައްކަތް ފަށައިފި

މެންޗެސްޓާ (އޭޕްރީލް 7) - މެންޗެސްޓާ ޔުނައިޓެޑަށް 12 އަހަރު ކުޅެދިން ސްޕެއިންގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ އަލުން އެ ކްލަބަށް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު، ޑެހެއާ, 34، ޔުނައިޓަޑާ ވަކިވީ އެ ކްލަބުގައި ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފަ އެވެ. އެއްވެސް ކްލަބަކާ ނުގުޅި ހުރުމަށް ފަހު މި ސީޒަނުގައި ފިއޮރެންޓީނާ އަށް ބަދަލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައި ވަކި މާއްދާތަކެއް ހިމަނާފައިވާއިރު، ޑެހެއާގެ މުސާރަ މިހާރު ލިބެމުން އަންނަ މިންވަރަށް ވުރެ ދެ ގުނަ ބޮޑުކުރަން ފިއޮރެންޓީނާ އިން ނިންމައިފިނަމަ، އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ވާނެ މާއްދާ އެއް ވެސް އޮވެ އެވެ.
ޔުނައިޓެޑްގެ ފުޓްބޯޅައާ ގުޅޭ ކަންކަމާ ހަވާލުވެފައިވާ ކުންފުނި އިނިއޯސް އިން އަންނަނީ އެ ޓީމަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ވިސްނަމުންނެވެ. އެ ގޮތުން، އެ ކްލަބުން ރަނގަޅުކުރަން ޖެހޭ އެއް ކަމެއްގެ ގޮތުގައި އިނިއޯސް އިން މިހާރު ކަނޑައަޅާފައިވަނީ، އާ ކީޕަރެއް ހޯދުމެވެ.
އެ ގޮތުން، 2023 ވަނަ އަހަރު ޑެހެއާ އަށް އާ ކޮންޓްރެކްޓެއް ނުދީ، ޔުނައިޓެޑުން ގޯލު ބަލަހައްޓަން ގެނައި، އިންޓަ މިލާނާއި އަޔަކްސްގެ ކުރީގެ ކީޕަރު، އަންދްރޭ އޮނާނާއާ މެދު އެ ކްލަބުން އިތުބާރު ގެއްލިފައިވާއިރު، ޑެހެއާ އަލުން ގެންނަން އިނިއޯސް އިން ވަނީ ލަފާދީފަ އެެވެ.
އިނިއޯސް އިން ޑެހެއާ އަލުން ގެންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޔުނައިޓެޑް ރަނގަޅަށް އެނގޭ، އަދި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި، ކީޕަރެއް ގެނައުމުގެ ގޮތުންނެެވެ. މި ސީޒަނުގައި، ފިއޮރެންޓީނާގެ 31 މެޗުގައި ކުޅުނު ޑެހެއާ ކޮޅަށް 10 މެޗެއްގައި ލަނޑެއް ވަދެފައި ނުވެ އެވެ. އަނެއްކޮޅުން، އޭނާ ވަނީ އެއް މެޗުގައި ދެ ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ