އިޚްލާސްތެރިކަމެއް ހުރިނަމަ، އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވަން ޖެހޭ: ޔާމީން

އިޚްލާސްތެރިކަމެއް ހުރިނަމަ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެ ބަހުގެ ހަމަލައެއް ރައްދުކުރައްވައިފިއެވެ. ޕާޓީ ބަދަލު ކުރުމުން، އަދި ޕާޓީން ވަކި ކުރުމުން ވެސް މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް މި ވެރިކަމުގައި ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ. އެ ގާނޫނު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ފެންމަތިވެ، ބަލަމުންދިޔަ މައްސަލަވަނީ ހުއްޓިފައެވެ. ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލައިގައި ސަސްޕެންޝަނުގައި ހުންނަވަނިކޮޑް ސުއޫދުވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. https://www.sun.mv/203885 ރަމަޟާން މަހުގެ ފަހުދިހައާއި، އީދު ބަންދަށް މެދުކަނޑައިލުމަށްފަހު މިރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވަނީ، މި ހާލަތުގައި ވެސް އުއްތަމަފަނޑިޔާރު ސުޕްރީމް ކޯޓުގެ ދިފާއުގައި ތެދުވެވަޑައިނުގަންނަވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އުއްތަމަފަނޑިޔާރަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތްކަން ފާހަގަކުރައްވައި، ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ، 48 ގަޑިއިރުގެ ތެރޭގައި ބަލައި ނިންމުމަށް، އުއްތަމަފަނޑިޔާރަށް އަމުރު ކުރެއްވޭނެއެވެ. "[އުއްތަމަފަނޑިޔާރު]އާ އެކީ މަސައްކަތް ކުރާ ބެންޗުން ދެ މީހުން ތިން މީހުން ގެންދިޔައިރު ވެސް، މީނައަކަށް ހީއެއްނުވޭ ކަމެއްވާހެން ވެސް. މުސާރަ ލިބޭތީ ހަމަ ކޮންމެ ކަމެއް ހެޔޮވަރު،" ޔާމީން ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ބޮޑު މައްސަލައެއް އޮތްނަމަ، 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލައެއް ނުނިންމުނީ ކީއްވެގެންތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. "މިހާރު ކޮން ދުވަހެއްތޯ އެ މީހުން ވާނުވާގައި އުޅޭތާ. އެހެންމާ އެންމެނަށް ވެސް އިނގޭ މިއީ ކުޅޭ ޗަރުކޭހެއްކަން. މި ކުރަން އުޅޭ ކަމަކީ [ރައީސް ޑރ. މުޙައްމަދު މުއިއްޒު] މުއިއްޒަށް އެނގޭ މި ދުސްތޫރީ މައްސަލަ ނިމޭނީ މުއިއްޒާ ދެކޮޅަށްކަން... އެއީ ހުރިހާ ވެސް މައްސަލައަކީ،" ޔާމީން ވިދާޅުވިއެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދުން ފެށިގެން ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ. އެހެން ނަމަވެސް އެ ވައުދާ ސީދާ ޚިލާފަށް ރައީސް މުއިއްޒު ކަންކުރައްވަމުންގެންދަވާކަމަށް ވިދާޅުވެ ޔާމީންވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ އެންމެ އުނދަގޫވާ މައްސަލައަކީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ