ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ހޯދައިފި

ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާކަމަށާއި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ދައުލަތަށް ލިބޭ މިންވަރު 32 އިންސައްތައަށް އިތުރު ކުރެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ. އޭރު ގަވައިދުން ފީތައް ދައްކަމުން ދިޔައީ 22.72 އިންސައްތަ މީހުން ކަމަށް މަޖީދު ވިދާޅުވިއެވެ. މި މައްސަލަ ހައްލުކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ގަވާއިދުން ފީ ނުދައްކާ 1،000 އަށްވުރެ ގިނަ މީހުންގެ ނަން ވެސް އާންމުކުރިއެވެ. ބޮޑެތި އަދަދުތަކުން ބިދޭސީންގެ ފީ ނުދައްކާ މީހުންނަށް ސަރުކާރުން ވަނީ އެ ފައިސާ ދައްކައި ޚަލާސްކުރުމަށް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ. މަޖީދު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބިދޭސީންގެ ފީތަކަށްވާ ފައިސާ ދައްކަންޖެހޭ މީހުންގެ ތެރެއިން، ޖުމްލަ 55.4 އިންސައްތަ މީހުން މިހާރު އަންނަނީ ގަވާއިދުން ފީ ދައްކަމުންނެވެ. ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި އޮތް 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ދައުލަތަށް ހޯދާފައި ކަން ފާހަގަކުރައްވައި އޭނާ ވަނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. https://sun.mv/198217 "ރިކަވާ ކުރެވިފައި އޮތް އިންސައްތައިގެ 99 އިންސައްތަ މި ސަރުކާރުގެ ތެރެއިންނޭ މި އޮތީ ހޯދިފައި. މާނައަކީ 1.6 ބިލިއަން ރުފިޔާ މި ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދިފައި މިވަނީ. އެހެން ނަމަވެސް މި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 900 އެތައް މިލިއަން ރުފިޔާ އަދި ވެސް އެބަހުރި،" މަޖީދު ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ މާ ގިނަ ދުވަސްތަކެއް ނުވެ، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހޯމް މިނިސްޓްރީން ހަރަކާތެއް ފެށިއެވެ. މި ހަރަކާތުގެ ތެރެއިން، 10 މަސް ދުވަސްތެރޭ، އޮޕަރޭޝަން ކުރަނގިގެ ދަށުން 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާކަން މަޖީދު ރޭ ފާހަގަކުރެއްވިއެވެ. އެއީ ވޯކް ޕާމިޓް އޮތް ބިދޭސީންގެ ދެބައިކުޅަ އެއްބައިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އޮޕަރޭޝަން ކުރަނގީގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ