ދިވެހީންނަށް އަންގާ އެންގުންތައް ލިޔެވިފައި ހުންނަންވާނީ ދިވެހިބަހުން: ޑރ. އަޝްރަފް

ލިޔެކިޔުމުން ދިވެހީންނަށް އަންގާ އެންގުންތައް ވެސް ހުންނަންވާނީ ދިވެހިބަހުން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްދުއްރަހީމް މިރޭ ވިދާޅުވެއްޖެއެވެ. ދިވެހިބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ އިނގިރޭސި ބަސް ނޭނގޭ ދިވެއްސެއްގެ ފޯނަށް، އިނގިރޭސިބަހުން މެސެޖުތައް އައުމަކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އަޝްރަފް ވަނީ، ދިވެހީންނަށް ދޭންވާ އިރުޝާދުތަކާއި މެސެޖުތައް ދިވެހިބަހުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވައިލައްވައިފައެވެ. 17 އެޕްރިލް 2025: ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އިސްކުރާނީ ދިވެހިބަސް" މި ޝިއާރެވެ. އަޝްރަފް ވިދާޅުވީ ދިވެހީންނަށް އަންގާ އެންގުންތައް ދިވެހި ބަހުން އެންގުމަކީ، އެ ޝިއާރުގެ ވެސް މައިގަނޑު ވިސްނުން ކަމަށެވެ. "އިނގިރޭސި ނުދަންނަ ދިވެހި މީހާގެ ފޯނަށް އިނގިރޭސީން މެސެޖު އައުމަކީ އަޅުގަނޑުމެންނަށް ބަލައިގަންނަން ފަސޭހަ ކަމެއް ނޫން. އެ ކަން [ބަދަލު] ކޮށްލެވޭނެ. ދެން ފަނިއްޔާތު ނުވަތަ ޓެކްނޮލިޖީ އެ ވަރަށް ކުރިނާރަނީތޯ؟ އެހެން ވިއްޔާ ޓެކްނޮލޮޖީއަކަށް އެ ނުވިތާ ދިވެހިބަހުން މެސެޖެއް ފޮނުވައިނުލެވެންޏާ،" އަޝްރަފް ވިދާޅުވިއެވެ. 17 އެޕްރިލް 2025: ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް އަޝްރަފްވަނީ ދިވެހިބަހުން ވާހަކަދެއްކުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެ ގޮތުން އެ ބައެއް ގަބޫލުކުރާ ދީނާއި، އެ ތަނެއްގެ ކުރިމަގު ވެސް ބައްޓަން ވެގެންދަނީ، އެ ތަނެއްގައި ދިރިއުޅޭ ބަޔަކު ވާހަކަ ދައްކާ ބަހުގެ މައްޗަށް ކަމަށް އަޝްރަފް ވިދާޅުވިއެވެ. ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ، އެޕްރީލް 14 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގައި ވެސް "ދިވެހިބަހުގެ ދުވަސް" ކަމަށް ހަމަޖައްސަވައި، 2015ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރުމަށް ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމެވެ. މިއީ ރާއްޖޭގައި މިހާރު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރާ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ