ސަރުކާރުން ރާއްޖޭގައި ކުޅިވަރު ޖަމިއްޔާތައް ހިންގުމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖެޓީވީގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވިސް (އެފްއޭއެމް)ގެ ކުރީގެ މެނޭޖްމަންޓުން އެ އެސޯސިއޭޝަންގެ ފައިސާތަކަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކާއި އެ ނޫން ވެސް ގިނަ މައްސަލަތަކެއް ފެންމަތިވެ، މިހާރު ފީފާއިން އެ ތަން ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީއާ އެވެ.
އޭގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަމަލުތަކުގެ ސަބަބުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުމަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން އެ އެސޯސިއޭޝަން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ ދެ އެސޯސިއޭޝަންގެ ވާހަކަ ގެނެސް ނޫސްވެރިޔާ ސުވާލު ކުރީ، އަލަށް މި އައި ކުޅިވަރުގެ ގާނޫނުގެ އިސްލާހުގެ ދަށުން ރާއްޖޭގެ އެސޯސިއޭޝަންތައް މިފަދަ ހާލަތަކަށް ނުދިއުމަށްޓަކައި ކިހާ ވަރަކަށް މަސައްކަތް ކުރެވޭނެތޯއާ މެދު އެވެ.
"ވަރަށް ރަނގަޅު ސުވާލެއް. އެފްއޭއެމް ކަމުގައި ވިޔަސް، ބެޑްމިންޓަން އެސޯސިއޭޝަން ވިޔަސް އަދި އެއްވެސް އެސޯސިއޭޝަނެއްގައި ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން ޔަގީން ކުރާނީ ގާނޫނު ތަންފީޒުކުރުމަށް ގާނޫނުގައި އޮތް ގޮތަށް ހުރިހާ ކަމެއް އެ ކުރަން ޖެހޭ ފަރާތްތަކުން ކުރާކަން ކަށަވަރުކުރުމެވެ.
"ދެން ޖުމްލަ ގޮތެއްގައި [ސަރުކާރުން ކުރާނެ ކަމަކީ] ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުޅިވަރާ ބެހޭ ސިޔާސަތެއް ތަންފީޒުކުރުން. ދެން އިންޓަނޭޝަނަލް ބޮޑީތައް އެ ހުރީ، އެ ކުޅިވަރާ ބެހޭ ރެގިއުލޭޓަރީ ކަންކަން ކުރަން. [މިސާލަކަށް] ފީފާ އިން އެފްއޭއެމާ ގުޅޭ ކަންކަން ކުރާނީ. ދެން ހުރި އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން އެ ކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރާނީ،" ރައީސް ވިދާޅުވި އެވެ.
"ހަމަ ޔަގީނުން ވެސް ދެފުށްފެންނަކަން އިތުރުކުރެވި، ހިންގުން ހަރުދަނާ ކުރެވި ގުޑް ގަވަނަންސް އެންޝުއާ ކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް މި ގާނޫނުގެ ތެރެއިން ފަހިވެގެންދޭ އަދި ޔަގީންކުރެވިގެންދޭ."
ސަރުކާރުން ކުޅިވަރު ޖަމިއްޔާތައް ހިންގުމަަށް ނުފޫޒެއް ނުފޯރުވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ