ޕާކިސްތާނު އަސްކަރިއްޔާގެ ސީރިއަސް ތުހުމަތެއް އިންޑިއާއަށް

ކަޝްމީރުގައި ހަމަނުޖެހުންތައް ހިންގަނީ އިންޑިއާއިންކަމަށް ތުހުމަތުކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އެޤައުމަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ. 
ޕާކިސްތާނު އަސްކަރިއްޔާގެ ޑިރެކްތަރ ޖެނެރަލް އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަން، ލެފްޓިނަންޓް ޖެނެރަލް އަހުމަދު ޝާރިފް ޗައުދަރީ ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކަޝްމީރުގެ ކަންކަން ގޯހުން ގޯހަށް ދަނީ އިންޑިއާގެ ސަބަބުންކަމަށެވެ. ޕާކިސްތާނަކީ އަނިޔާވެރި އަދި ހަމަނުޖެހުން ހިންގަން ފުރުސަތުދޭ ޤައުމެއް ނޫންކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ، ޕާކިސްތާނުން އަބަދުވެސް އިސ2ްކަންދޭނީ ސުލްހައަށް ކަމަށެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ އެންމެ އިސް ތަރުޖަމާން ޗައުދަރީ ވިދާޅުވީ، ސަރަހައްދުގެ ސުލްހަ ގެއްލުމުގެ އަސްަލަކީ އިންޑިއާ ކަމަށާއި، ސަރަހައްދުގެ ހަމަނުޖެހުން ނަގާލައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ފައިނޭންސް ކުރަނީވެސް އިންޑިއާއިން ކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން އޭނާ ވަނީ، އިންޑިއާގެ އަސްކަރިއްޔާއިން އެންމެފަހުން ހަމަލާތައް ދިންއިރު، އެ ހަމަލާތައް ޕާކިސްތާނުގެ މިސްކިތްތަކަށާއި، އާއްމުންނަށް އަމާޒުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
" އިންޑިއާއިން މަޝްރަހު އަމާންކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ކުރާހާވެސް ކަމަކީ ޕާކިސްތާނަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އެޅުވުން" ޗައުދަރީ ވިދާޅުވިއެވެ.
އޭބާ ވިދާޅުވީ ބަހަލްގަމްގައި ދިން ހަމަލާއާ ގުޅިގެން އެންމެ 10 ވަރަކަށް މިނެޓް ތެރޭގައި އިންޑިއާއިން އެކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވިއިރު، އެކަންކޮށްފައިވަނީ ތަހުގީގީ އެއްވެސް ރިޕޯޓަކަށް ރިޔާއަތްކުރުމެއްނެތި ކަމަށެވެ. އިންޑިއާއިން ކޮންމެގޮތަކަށް އިންޒާރުދިންނަމަވެސް، ޕާކިސްތާނުން ކޮންމެފަދަ އަގެއް ދައްކައިގެންނަމަވެސް އެޤައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރި ކުރާނޭކަމަށް ޗައުދަރީ ވަނީ ވިދާޅުވެފައެވެ.
ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ބަހަލްގަމްގައި ޓޫރިސްޓުންތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކަށްފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށްބޮޑަށް ގޯސްވެ، ދެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ވައިގެ ހަމަލާތައް ބަދަލުކޮށްފައެވެ. މި ހަމަލާތައް ހުއްޓާލާފައިވަނީ އެމެރިކާއިން އިސްވެ ފެށި ސުލްހައިގެ ވާހަކަތަކާ ގުޅިގެންނެވެ. ހަމަލާތައް ބަދަލުކުރުން ހުއްޓާލިނަމަވެސް ފަހަކަށް އައިސް ދެ ޤައުމުގެ އަސްކަރިއްޔާގެ އޮފިޝަލުން ދޭތެރެއަކުން ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ