ގިނަ އަނބިން ތިބުމަކީ އެކަކަށްވުރެ ގިނަ އަނބިންނާއިއެކު އެއްފަހަރާ ގުޅުން ހިންގުން ހުއްދަވާ ސަބަބެއް ނޫން!

ގިނަ އަނބިން ތިބިނަމަ އެކަކަށްވުރެ އަނބިންނާއިއެކު އެއްފަހަރާ ގުޅުން ހިންގުމަކީ ހުއްދަކަމެއްތޯ؟ 
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  
ދެއަނބިންނާއި އެކު އެއްވަގުތެއްގައި ޖިމާޢުވުމަކީ ޙަރާމް ކަމެކެވެ. އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. "މީހަކަށް ފެންނަ ތަނުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖިމާޢުވެނުލައްވައެވެ. މީހަކަށް އަޑުއިވޭ ހިސާބުގައިވެސް އެފަދަ ކަމެއް ނުކުރައްވައެވެ. އަދި މީސްތަކުންނަށް ފެންނަ ހިސާބުގައި އަނބިންނާއި ލޯބިކޮށްވެސް ނުހައްދަވައެވެ.
މީޙުންނަށް އަޑުއިވޭ ހިސާބުގައި ޖިމާޢުވާ މީހުންނާއި ބެހޭ ގޮތުން ޙަސަނުލް ބަޞްރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (كانوا يكرهون الوجس وهو الصوت الخفي.) މާނައަކީ: "އެބޭފުޅުން (ޞަޙާބީން) ޖިމާޢުގެ އަޑު މީހަކަށް އިވިދާނެ ކަމަށްވެސް ނުރުހުންވެލައްވައެވެ." 
އިބްނު ގުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ދެއަނބިން ރުހިގެންވެސް އަނެއް އަންބަށް ފެންނަ ހިސާބުގައި ޖިމާޢުވުމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގައި މުރޫއަތްތެރިކަން ގެއްލުމާއި، އަދަބު އަޚްލާގުގެ މިންގަޑުތަކުންގެއްލި ނުބައި މަގުތަކަށް މަގުފަހިކޮށްދިނުން ހިމެނިގެން ވުމެވެ. މީގެ އިތުރުން އެއް އަންހެނަކު އަނެއް އަންހެނެއްގެ ޢައުރަ ބެލުންވެސް މިކަމުގައި ހިމެނިގެންވެއެވެ." 
ދެއަނބިން ކުރެ އަންބަކާ އަނެއް އަންބަށް ފެންނަ ހިސާބުގައި ބޮސްދީ ހެދުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން ލަދުވެތިކަން ގެއްލިގެންދާތީވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ )متفق عليه މާނައަކީ: "ލަދުވެތި ކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ."
އަދިވެސް ޙަދީޘް ކުރައްވައެވެ. (الْحَيَاءُ لَا يَأْتِي إِلَّا بِخَيْرٍ  ) މާނައަކީ: "ލަދުވެތި ކަމުގެ ސަބަބުން ހެޔޮކަމެއް މެނުވީ ގެނެސް ނުދެއެވެ."
ވީމާ، ދެއަނބިންނާއި އެކު އެއްފަހަރާ ޖިމާޢުވެ، ހިނައިގަނެ ހެދުމަކީ ޙަރާމް ކަމެކެވެ. واللهأعلم 
އެއްދާންކުރުމާއި ގުޅުންހުރި އިތުރު ސުވާލެއް!
ދެމަފިރިން އެއްދާންކުރާއިރު އިތުރަށް ލޯބިކުރުމަށްޓަކައި އާލާތް ބޭނުންކުރުންވެސް ޙަރާމް!  
ދެމަފިރިން އެއްދާންކުރާއިރު އިތުރަށް ލޯބިކުރުމަށްޓަކައި ވައިބްރޭޓަރ ނޫނީ ސެކްސްޓޯއީސް ނުވަތަ އެނޫންވެސް އާލަތްތައް ބެނުން ކުރުމަކީ ޙަރާމް ކަމެކެވެ. މިފަދަ ތަކެތި ބޭނުން ކުރުން ހިމެނިގެންދާނީ ﷲ ކަނޑައަޅުއްވާފައިވާ ގޮތް ދޫކޮށްލުން ކަމުގައެވެ.  
މުއިމިނުންގެ ޞިފަތައް ބަޔާން ކުރައްވަމުން ސޫރަތުލް މުއިމިނޫންގެ 5-7 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ هُمْ لِفُرُ‌وجِهِمْ حَافِظُونَ ﴿٥﴾إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ‌ مَلُومِينَ ﴿٦﴾فَمَنِ ابْتَغَىٰ وَرَ‌اءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾)  
މާނައަކީ: " އަދި އެއުރެންނީ، އެއުރެންގެ فرجތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާއަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ(އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ."
ވީމާ، އެފަދަތަކެތީގެ ބަދަލުގައި ދެމަފިރިން ލޯބިއިތުރު ކުރުވުމަށް ޓަކައި ދެމަފިރިން ބެއްދުމާއި ބޮސްދިނުން ފަދަ ކަންތައް ކުރުމުން ލިބޭ ލޯތްބާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ. واللهأعلم
  
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ