ސާފް 19 އަހަރުން ދަށުގެ މުބާރާތް: ރާއްޖެ ބަލިިކޮށް އިންޑިއާ ފައިނަލަށް ސާފް 19 އަހަރުން ދަށުގެ މުބާރާތް: ރާއްޖެ ބަލިިކޮށް އިންޑިއާ ފައިނަލަށް

ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި، ރާއްޖެ 3-0 އިން ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އޮތް އިންޑިއާ އިން، ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 8-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން ކުރިހޯދީ 4-0 އިންނެވެ. ސެމީ ފައިނަލުގައި މިރޭ، ރާއްޖެއާ ކުޅޭ މެޗަށް ނުކުތްއިރު، ފޭވަރިޓުންގެ ގޮތުގައި އޮތީ ވެސް އިންޑިއާ އެވެ.
އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން، އިންޑިއާ އިން ކުރިއަށްޖެހި، ގިނަ ހުރަސްތަކެއް ރާއްޖޭގެ އޭރިއާތެެރެއަށް ނަގަމުންދިޔަ އެވެ. އެ ގޮތުން، އޭރިއާބޭރުން އިންޑިއާ އިން ފޮނުވާލި ދެ ބޯޅައެއް ރާއްޖޭގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު ވަނީ މަތަކޮށްފަ އެވެ.
އިންޑިއާ އިން ލީޑުނެގީ، 14 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއަށް، އިންޑިއާގެ ޕްރަޝާން ޖާޖޯ ނަގައިިދިން ހުރަަހަކުން ވެއްޓިގެންފައި، ޑެނީ މެއިޓެއި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އޭގެ ފަހުން، ކޯނަރަކުން ރާއްޖޭގެ އީތަން އިބްރާހިމް ޒަކީ ނެގި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް، އިންޑިއާގެ ކީޕަރު، ސޫރަޖް ސިންގް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 21 ވަނަ މިނިޓްގައި އިންޑިއާ އިން ވަނީ ދެ ވަނަ ގޯލެއް ޖަހައި، ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ގޯލަށް ފޮނުވާލައިގެން، އޮމާންގް ދޮދޫމް އެވެ.
ރާއްޖޭން ފުރަތަމަ ހާފުގައި އޭރިއާބޭރުން ބޯޅަ ފޮނުވާލައިގެން ގޯލެއް ޖެހޭތޯ ވެސް މަސައްކަތް ކުރި އެވެ. އެ ގޮތުން، އީތަން އާއި ރާއްޖޭގެ ކެޕްޓަން، އަހުޒަމް ރަޝީދު (އަހޫ) ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
މި މުބާރާތުގައި ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައި ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ މެޗުގައި، ބަންގްލަދޭޝް އިން ދެ ގޯލު ޖަހާފައި އޮއްވައި، 2-2 އިން އެއްވަރުކުރި އެވެ. ދެ ވަނަ މެޗުގައި ބޫޓާނުން ލީޑުނަގާފައި އޮއްވައި ރާއްޖޭން ފަހަތުން އަރައި ކުރިހޯދި ނަމަވެސް، އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެކަމަކު، ސެމީ ފައިނަލުގައި އިންޑިއާ އިން ރާއްޖެ އަށް މެޗުގެ ތެރެއަށް ވަންނަން ފުރުސަތު ނުދީ ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅުނެވެ.
ބޯ ވިއްސާރައިގައި ދެ ވަނަ ހާފުގައި ކުޅެމުންދިޔައިރު، އިންޑިއާ އިން 66 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހި އެވެ. އޭރިއާ ރޮނގުކައިރިން ޖާޖޯ ވޮލީ އަކުން ޖެހި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި، ކީޕަރު ޒަހުރާން އަތްދަށުން ބޯޅަ ވަނީ ގޯލަށެވެ.
މެޗުގެ 70 ވަނަ މިނިޓްގައި، އިންޑިއާގެ ޑިފެންސް ފަހަތުން ލިބުނު ބޯޅައެއް ހޯދައި، ރާއްޖޭގެ ނައްސާހު އިބްރާހިމް ނާސިރު ފޮނުވާލި ބޯޅަ ކީޕަރު، ސޫރަޖު ވަނީ މަތަކޮށްފަ އެެވެ. އޭގެ އިރުކޮޅެއް ފަހުން، އީތަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވެސް އަމާޒުވީ ކީޕަރު ސޫރަޖް އަތަށެވެ.
މި ނަތީޖާއާ އެކު، ރާއްޖޭން އެންމެ ފަހުން ސާފް އުމުރުފުރާ މުބާރާތްތަކުގެ ތިން ސެމީ ފައިނަލުގައި ވެސް ބަލިވެފައި މި ވަނީ އިންޑިއާ އަތުންނެެވެ. އެ ގޮތުން، މީގެ ދެ އަހަރު ކުރިން، ސާފް 16 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި، އިންޑިއާ އަތުން 8-0 އިން ރާއްޖެ ބަލިވިއިރު، މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު ސާފް 18 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ 4-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ.
އާދިއްތަ ދުވަހު ކުޅޭ މި ފަހަރުގެ ސާފް 19 އަހަރުން ދަށުގެ ފައިނަލުގަައި، އިންޑިއާ އިން ކުޅޭނީ ބަންގްލަދޭޝްއާ އެެވެ. ބަންގްލަދޭޝް އިން ވަނީ ފުރަތަމަ ސެމީ ފައިނަލުގައި، 2-1 އިން ނޭޕާލް ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ