ތިލަ އުތުރު ވޮލީ މުބާރާތަށާއި ބޮޑު އީދަށް ހޯރަފުށީގެ މަގުތައް ސާފު ކުރަނީ
މުޅި އަތޮޅަށް ހުޅުވާލައިގެން މި މަހު 23 ގައި ހޯރަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ހަށާއި އަންނަ ބޮޑު އީދު އުފަލަށް ތައްޔާރުވުމުގެ ގޮތުން ހޯރަފުށީގެ މަގުތައް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.ހޯރަފުށީ ކައުންސިލް އިން ބުނީ ކުރިއަށް ހޯރަފުށީގައި އޮތް ބޮޑު ދެ ހަރަކާތައް ތައްޔާރުވުމުގެ ގޮތުން އިޖުތިމާއީ ރޫހުގައި ހޯރަފުށި ދައްކަމުން ދަނީ ރިވެތި ނަމޫނާ އެއް ކަމަށެވެ. ބޮޑު އީދު ކުލަގަޑަކޮށް ފާހަގަކުރުމަށް ކައުންސިލުން ނިންމާފައިވާއިރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތް ވެސް "ހޯސްޓް" ކުރަނީ ކައުންސިލްގެ ބެލުމުގެ ދަށުން ހޯރަފުށީގައި އެވެ.ކައުންސިލުން ބުނީ މި ބޮޑު ދެ ހަރަކާތައް ރަށުގެ އިދާރާތަކާއި ކުންފުނިތަކާއި އިޖުތިމާއީ ގޮތުން ރަށުތެރެ ސާފުކޮށް ބަލަހައްޓާ ކަނބަލުންނާއި ޑަބްލިޔުޑީސީ އަދި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. އެކަމައްޓަކައި މުޅި ހޯރަފުށީ ރައްޔިތުންނަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށެވެ."ހޯރަ ބޮޑު އީދު 1446" އަށް ގިނަ ބޮޑު ޖަމާއަތާއި ރައްޔިތުންގެ އީދު ސައި ހިމެނޭހެން ކުޅިވަޅު ހަރަކާތްތަކެއް ރާވާ ހިންގުމަށް ކައުންސިލުން އަންނަނީ މަދަނީ ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ރާވާ އިންތިޒާމް ކުރަމުންނެވެ. ދިވެހި ޝަގާފަތާއި ދިވެހިވަންތަ ކުޅިވަރު އަދި ހުރިހާ އުމުރު ފުރައަކަށް ބައިވެރި ވެވޭ ގޮތަށް އީދު ފޯރި މި އަހަރު ގެނެސް ދިނުމަކީ ކައުންސިލްގެ މަގްސަދެވެ."ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ